ހޮލީވުޑް

"ޑޫން" ގެ އާ ޓްރެއިލާ ދައްކާލައިފި

މިއަހަރު ނެރޭ އެންމެ ބޮޑު އެއް "ސައިފައި" ފިލްމް ކަމަށްވާ "ޑޫން" ގެ އާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް އުފައްދާ "ވާނާ ބްރޯސް" ސްޓޫޑިއޯއިން މީގެ ކުރިން ވަނީ އޮފިޝަލް ޓްރެއިލާއެއް ނެރެފަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މި ފިލްމްގެ ގިނަ މަސައްކަތްތައް ވަނީ ފަސްކޮށް ފިލްމް ނެރޭ ތާރީހް ވެސް ލަސް ކޮށްފަ އެވެ. މި ފިލްމް ފުރަތަމަ ނެރެން އޮތީ 2020 ގެ ސެޕްޓެމްބަރު މަހަށެވެ. އަދި ފަހުން ވަނީ މި އަހަރުގެ އޮކްޓޯބަރު އެކަކަށް ލަސްކޮށް އިއުލާން ކޮށްފަ އެވެ.

މިފަހަރު ވާނާ ބްރޯސްއިން ނެރުނު ޓްރެއިލާއިން ވަނީ މި ފިލްމް ޕްރެމިއާ ކުރާ އާ ތާރީހު ވެސް ދައްކާލާފަ އެވެ. މި ފިލްމް މިހާރު ނެރެން ހަމަޖައްސާފައި ވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

"ޑޫން" ގެ އާ ޓްރެއިލާ

ތިން މިނިޓުގެ މި ޓްރެއިލާގައި ކުރިން ފެނިފައި ނުވާ ގިނަ މަންޒަރުތަކެއް ފެނެ އެވެ. އަދި ފިލްމުގެ ޕްލޮޓް ދައްކާލަ އެވެ. މި ޓްރެއިލާގައި ފިލްމްގެ މައިގަނޑު ރޯލްތަކުން ފެނިގެންދާނެ ގިނަ ތަރިން ވެސް ފެނިގެން ގޮސްފައި ވެއެވެ.

"ޑޫން" ފިލްމް ޑިރެކްޓް ކުރަނީ ޑެނިސް ވިލްނާވް އެވެ. އަދި މި ފިލްމަކީ 1965 ފްރޭންކް ހާބާޓް ނެރުނު "ޑޫން" ވާހަކަޔަށް ނިސްބްތްކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ މުހިންމު ރޯލްތަކުން ޓިމޮތީ ކަލަމެޓް އާއި ރެބެކާ ފާގަސަން އާއި އޮސްކާ އައިސާކާއި ޒެންޑާޔާ އަދި ޑޭވް ބަޓިސްޓާ ފަދަ މަޝްހޫރު ގިނަ ތަރިން ފެނިގެން ދާނެ އެވެ.

މި ފިލްމް ޕްރެމިއާ ހަމަޖެހިފައި ވަނީ ސިނަމާ ތަކަށާއި "އެޗްބީއޯ-މެކްސް" ސްޓްރީމް ހިދުމަތް މެދުވެރިކޮށެވެ. އަދި މި ފިލްމް އިންޓަނޭޝަނަލްކޮށް ޕްރެމިއާ ކުރަން ހަމަޖެހިފައި ވަނީ ސެޕްޓެމްބާ މަހު އޮންނަ ވެނިސް އިންޓާނޭޝަނަލް ފިލްމް ފެސްޓިވަލްގަ އެވެ.