އަބްދުﷲ ޝާހިދު

ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކުރީ އދ. އާންމު މަޖިލީހުގެ ރިޔާސަތަށް އެމަނިކުފާނު އިންތިހާބުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. ދެމަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

ޝާހިދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަން ޔަގީން ކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. ޝާހިދުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ވެސް ނުލިބެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވުމުގެ ކުރިން އޭނާގެ އަރިހުގައި ހުންނަވަނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮކެޓްޝަން ގުރޫޕް (އެސްޕީޖީ) ގެ އެންމެ އޮފިސަރެކެވެ.

ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އޭނާ ދަތުރުކުރައްވާ ސަރުކާރުގެ ކާރުކޮޅާއެކު އެމްއެންޑީއެފްގެ އިތުރު ކާރެއް އެސްޕީޖީ އޮފިސަރުންނާއެކު މިހާރު ދަތުރު ކުރަމުން ދެ އެވެ.

އަވަސްގެ ނޫސްވެރިން ޝާހިދުގެ އިންޓަވިއު އަކަށް ފޮރިން މިނިސްޓްރީގައި އިއްޔެ ތިއްބާ ޝާހިދު މިނިސްޓްރީއަށް ވަޑައިގެންނެވިއިރު ވެސް އަރިހުގައި ސިފައިންގެ ހަ ބޭފުޅަކު ހަރަކާތްތެރިވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަޑައިގެންނެވީ ޝާހިދު ދަތުރު ކުރައްވަމުން ގެންދެވި ކާރުކޮޅު އެސްކޯޓް ކުރައްވައިގެން ވަކިން ކާރެއްގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ޝާހިދު ރަސްމީކޮށް ރިޔާސަތާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނުގެ ސެކިއުރިޓީއާ ހަވާލުވާނީ ޝާހިދު އެ ވަގުތަކު އެ ހުންނަވާ ގައުމެއްގެ ސަރުކާރަކުންނެވެ. ނަމަވެސް ޝާހިދު ދަތުރު ކުރައްވާ ކޮންމެ ތަނަކަށްވެސް އދ. ގެ ސެކިއުރިޓީ ފޯސްގެ ބޭފުޅުންނާއި އެމްއެންޑީއެފްގެ ބޭފުޅަކު ވެސް ދަތުރު ކުރައްވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވީ މިދިޔަ ޖޫން 10 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ. އދ. ގެ 193 މެންބަރު ގައުމުގެ ތެރެއިން 143 ގައުމުން ޝާހިދަށް ވޯޓު ދިނެވެ. ޝާހިދުއާ ވާދަ ކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލްއަށް ލިބުނީ 48 ވޯޓެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ އިސް މަގާމުތަކަށް ވެސް ޝާހިދު މިހާރު ވަނީ ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. އެގޮތުން ޗެފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާގެ ނަގަރާޖް ނައިޑޫ ކުމާރް އައްޔަން ކުރައްވާފައިވާއިރު އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް އައްޔަން ކުރައްވާފައި ވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ.

އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދަށް އެއްވެސް މުސާރައެއް ލިބިވަޑައެއް ނުގަންނަވާނެ އެެވެ. އެމަނިކުފާނުގެ ހަރަދުތައް ބަލަހައްޓަވާނީ އދ. އާއި ދިވެހި ސަރުކާރާއި އަދި އެމަނިކުފާނު އެވަގުތަކު ހުންނަވާ ގައުމަކުން ގުޅިގެންނެވެ.