ދުނިޔެ

އިނގިރޭސި ނިއުކްލިއާ ހަކަތަ މާކެޓުން ޗައިނާ ބޭރުކޮށްލަނީ

އިނގިރޭސި 5ޖީ މާކެޓުން ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ބޭރު ކޮށްލުމާއި ހޮންކޮންގްގައި ޗައިނާއާ ދެކޮޅަށް ހަޅޭއްލަވައި އަޑު ގަދަ ކުރާ މީހުންނަށް އިނގިރޭސި ރައްޔިތުކަން ދިނުމަށް ލަންޑަނުން ނިންމި ނިންމުމުން ދޭހަ ކޮށްދެނީ ޗައިނާއަކީ އިނގިރޭސިންނަށް މުހިންމު ގައުމެއް ނޫން ކަމެވެ.

ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން ބޮރިސް ޖޯންސަންގެ ސަރުކާރުން މިހާރު ވިސްނަނީ އިނިގިރޭސި ނިއުކްލިއާ ހަކަތައިގެ މާކެޓުން ޗައިނާ ބޭރު ކޮށްލާށެވެ. އިނގިރޭސިވިލާތުގައި އެއްވެސް މާނަ އެއްގައި ޗައިނާއިން އިންވެސްޓް ކުރުމަކީ އިނގިރޭސިން އެދޭ ކަމެއް ނޫނެވެ.

އިނގިރޭސި ނިއުކްލިއާ ހަކަތަ މާކެޓްގައި ޗައިނާގެ ހިއްސާ މިވަގުތު އެބަ އޮތެވެ. އެހެން ނަމަވެސް ކުރިއަށް ހުރި އެއްވެސް ޕްރޮޖެކްޓަކުން ޗައިނާއަށް ފުރުސަތު ނުދޭނެ ކަމަށް ވެއެވެ.

އިނގިރޭސިވިލާތުގައި ބައެއް ސަރަހައްދުތަކުގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓްތައް ބިނާ ކޮށްފައި ވަނީ ޗައިނާ ޖެނެރަލް ނިއުކްލިއާ ޕްވާ ގްރޫޕް (ސީޖީއެން) ގެ އެހީތެރިކަމާއެކު އެވެ.

އިނިގިރޭސި ސަރުކާރުން މިހާރު ވިސްނަނީ މިފަދަ ޕްލާންޓްތަކުގައި އޮތް ޗައިނާގެ ހިއްސާއަށް ބަދަލުދީފައި ނަމަވެސް ޗައިނާ ބޭރު ކޮށްލާށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުގައި ޗައިނާއިން އިންވެސްޓް ކުރަން އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އެވެ. އޭނާ ވިދާޅުވި ކަމަށް ހަބަރުތައް ބުނަނީ ޔޫކޭއިން ކުރިން ޗައިނާއާއެކު ވިޔަފާރިކޮށް ދެމެހެއްޓި ގުޅުން ދެން ނުބޭއްވޭނެ ކަމަށެވެ. އެއީ ޗައިނާއިން ކޮވިޑްގެ ހާލަތު ދުނިޔެއަށް އޮޅުވާލާފައި ވާތީ އެވެ.

ޗައިނާ ލައްވައި ޓެކްނިކަލް މަސައްކަތްތަކެއް ކުރުވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އިނގިރޭސި ސަރުކާރުން ދެކެ އެވެ. ޗައިނާއާ ރަޝިއާ ގުޅުން ބަދަހިވުމަކީ އިނގިރޭސިންނަށާއި ބައިވެރިންނަށް ނުރައްކާ ކަމަކަށް ވުމުގެ އިތުރުން ޖާސޫސް ކުރުމާއި ހެކް ކުރުމަށް ވެސް އެ ދެ ގައުމު ނުލާހިކު ފަރިތަ ކަމަށް އިނގިރޭސިން ބުނެ އެވެ.