ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަކީ ނިއުކްލިއާއިން މިންޖުވެފައި އޮތް ސަރަހައްދަކަށް ވާން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝި ޖިންޕިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައުމުތަކާއެކު މި މައުލޫއަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޝީ ވިދާޅުވި ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ ވެރިކަން ޗައިނާއިން ބޭނުމެއް ނުވެ އެވެ. އޭނާ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ޝާމިލްވުން އިތުރު ކޮށްފައި ވަނީ ގައުމީ މަސްލަހަތަށް ޓަކައި ކަމަށެވެ.
ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާ ނިއުކްލިއާއިން މިނިވަން ކުރުމަށް ޗައިނާ އިސްނަގާނެ އެވެ. އަދި ސަރަހައްދީ ގައުމުތަކުން އެދުނު އެންމެ އަވަހަކަށް އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ވެސް ތައްޔާރެވެ.
ޗައިނާގެ ރައީސް މި ވާހަކަފުޅު ރައްދުވަނީ އެމެރިކާއާ އިނގިރޭސިން އެއްބާރުލައިގެން އުފައްދާފައި އޮތް އޯކަސް އަސްކަރީ މުއާހަދާއަށެވެ. އެމެރިކާއިން އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ޓެކްނޮލޮޖީ ވިއްކަން މަސައްކަތް ކުރަނީ އޯކަސް މުއާހަދާގެ ތެރެއިން ނެވެ.
ޝީ ވިދާޅުވި މުޅި ސަރަހައްދުގައި ނިއުކްލިއާ ފެތުރުމަކީ ޗައިނާ ކުރާނެ ކަމެއް ނޫން ކަމަށާއި ދުނިޔެއަށް ފައިދާއެއް ނެތް ގޮތުގައި ޗައިނާއިން ނިއުކްލިއާ ވާހަކަ ވެސް ނުދައްކާނެ ކަމަށެވެ.
ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ސަރަހައްދީ ގައުމުތަކާ އެކު ޗައިނާއިން އެއްބާރުލާނެ އެވެ. އަދި އެގައުމުތަކަށް ކަންބޮޑުވުމެއް އޮތް ނަމަ ޝަކުވާ ގަބޫލުކުރާނެ އެވެ. އަދި ވިދާޅުވީ ދޭދޭ ހަރަކާތްތަކުން ނިކުންނަ ނުތަނަވަސް ކަމަކީ ޗައިނާގެ ވިސްނުން ނޫން ކަމަށާއި ސަރުކާރާ ސަރުކާރު ވާހަކަދައްކައިގެން މަސަލަސްވާން ޖެހޭ ކަމަށެވެ.