ލައިފްސްޓައިލް

އުފަންވީއިރު ރަހިމު ނެތް މީހަކު ވިހައިފި

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިޔޫޓާގައި އުފަންވީއިރު ވެސް ރަހިމު ނެތި އުފަންވީ އަންހެނަކު ދަރިއަކު ވިހައިފި އެވެ. މިއީ މީހުނަށް ވަރަށް ދިމާނުވާ ކަހަލަ އާދަޔާހިލާފު ކަމެކެވެ. އަމަންޑާ ނަމަކަށް ކިޔާ 32 އަހަރުގެ މި އަންހެންމީހާ ވިހާފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ.

އަމަންޑާ ބުނި ގޮތުގައި އޭނާއަށް ދަރިއަކު ލިބިދާނެ ކަމަކަށް އޭނާއަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އަމަންޑާގެ ކައިވެނީގެ ގޮށް ވެސް މިހާރު މޮހެވިފައި ވީ ނަމަވެސް ދަރިއަކު ހޯދުމަކީ އަބަދުވެސް ވަރަށް އެދޭ ކަމެއް ކަމަށް އަމަންޑާ ބުންޏެވެ. ނަސީބު ދިމާކުރި ގޮތުން ދަރިން ހޯދުމަށް އަންހެނަކަށް އެންމެ މުހިއްމު ގުނަވަނަކީ ރަހިމު ކަމަށްވާއިރު އަމަންޑާ އުފަންވީއިރު ވެސް ރަހިމު ނެތުމަކީ އޭނާއަށް ދަރިއަކު ނުލިބޭނެކަން މުޅިން ޔަގީންވީ ކަމެކެވެ.

"އިންސައިޑް އެޑިޝަން" ގައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަމަންޑާ ދަރިއަކު ހޯދާހިތުން އުޅޭވަރުން އޭނާގެ އެކުވެރިއަކު ވަރަށް ރަނގަޅު ހިޔާލެއް އޭނާއަށް ދިނެވެ. ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ ހިޔާލެވެ.

ޓްރާންސްޕްލާންޓްގެ އެކި މަރުހަލާތަކުގައި އަމަންޑާގެ ގިނަ އަދަދެއްގެ އެކުވެރިންނާއި މަންމަ އަދި މިހާރު ކައިވެނި ކުރަން އުޅޭ ބައިވެރިޔާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބުނެވެ.

އަމަންޑާ، ޓްރާންސްޕްލާންޓަށް ތައްޔާރުވެފައި ވަނިކޮށް އޭނާގެ މަންމައަށް އޯވޭރިއަން ކެންސަރު ޖެހުނެވެ. ނަމަވެސް މަންމަގެ ވެސް އެދުމާއެކު ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ހުއްޓާ ނުލަން އަމަންޑާ ނިންމި އެވެ. ޓްރާންސްޕްލާންޓް ހެދުމަށްފަހު މުޅިން ފަސޭހަވުމުން އައިވީއެފް ހަދައިގެން އަމަންޑާ ބަލިވެ އިނދެ މިހާރު ވަނީ އަންހެން ދަރިއަކު ވިހާފަ އެވެ.

އޭނާ އުފަންވީ ރަހިމު ނެތިކަން އަމަންޑާ އަށް ފުރަތަމަ އެނގުނީ އުމުރުން 16 އަހަރުގަ އެވެ.