ދުނިޔެ

މިއަހަރަށް ފަހު އީރާގުގައި ސިފައިން ނުބައިތިއްބާނަން: ބައިޑަން

އީރާގުގައި މި އަހަރަށް ފަހު އަސްކަރީ ސިފައިން ނުބައިތިއްބާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން މިހެން ވިދާޅުވީ ވައިޓް ހައުސްގައި އީރާގުގެ ރައީސް މުސްތަފާ ކަދީމީއާ ބައްދަލު ކުރައްވަ އެވެ.

ބައިޑަން ވިދާޅުވީ އީރާގުގައި ސިފައިން ތިބޭނެ ކަމަށާއި އެކަމަކު އަސްކަރީ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއާ އީރާގު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި އެ ސަރަހައްދުގައި އައިސިސްއަށް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުން އެމެރިކާއިން އިރާގަށް އެހީތެރި ވާނެ އެވެ. އަދި އެމެރިކާ ސިފައިން އެ ސަރަހައްދުގައި އުޅޭކަން ހަނގުރާމަވެރި ގުރޫޕްތަކަށް އެނގެން ޖެހޭނެ އެވެ. އެނޫން ގޮތެއްގައި އެމީހުން މައިތިރިވެ ނުތިބޭނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

އީރާގުގެ މަސްލަހަތަށް އެދިވަޑައިގަންނަވާ ކަމަށް ބައިޑަން ވިދާޅުވި އެވެ. އަދި އޮކްޓޯބަރުގައި އޮންނަ އިލެކްޝަނަށް ބުރޫނާރައި ހާމަކަން ބޮޑުކޮށް ނިމިދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބައިޑަންއާ ކަދީމީ ބައްދަލު ކުރައްވާފައި މިވަނީ މިދާކަށް ދުވަހު ބަޣުދާދުގެ ސަދުރު ސިޓީގައި ޖާނުން ގޮއްވާލައި 30 މީހަކު މަރާފައި ވަަނިކޮށެެވެ. އެމެރިކާއިން ސުލްހަ ބަލަހައްޓަން ކަމަށްބު އީރާގުގެ އިމުގައި ތިބުން މިހާރު ވަނީ އީރާގަށް ވެސް ބޮޑު ނުރައްކަލަކަށެވެ.

އައިސިސްއާ އަދި ޓެރަރިސްޓް ގުރޫޕްތަކުން މިހާރު އީރާގަށް ދޭ ހަމަލާތަކަކީ އިރާގުން އެމެރިކާއަށް ވާގިވެރިވާ ކަމަށް ބުނެ ދޭ ހަމަލާތަކަކެވެ. އީރާގުން އެމެރިކާ ސިފައިން ފައިބައިގެން ގޮސްފި ނަމަ ހަމަލާތައް މައިތިރިވާނެ ކަމަށް ބެލެވެ އެވެ.