ހޮލީވުޑް

ވާނާ ބްރޯސްއިން އިތުރު ފިލްމްތަކެއް ސްޓްރީމިންއަށް

އެޗްބީއޯ މެކްސް ސްޓްރީމް ހިދުމަތައް ފިލްމްތައް ޕްރިމިއާ ކުރުން ހުއްޓާ ނުލާނެ ކަމަށް ވާނާ ބްރޯސްއިން ބުނެފި އެވެ.

ކޮވިޑް ޕެންޑެމިކްގެ ސަބަބުން ގިނަ ސްޓޫޑިއޯތައް ވަނީ ފިލްމްތައް ޑިޖިޓަލް ސްޓރީމިންގް ހިދުމަތް ބޭނުން ކޮށްގެން ޕްރިމިއާ ކުރަން ފަށާފަ އެވެ. މިހާރު ގިނަ ގައުމްތަކެއްގައި ސިނަމާތައް ހުޅުވާލުން ބައެއް ސޓޫޑިއޯތައް ކުރިން އަމަލު ކުރަމުން ގެންދިޔަ އުސޫލުގެ ދަށުން ސިނަމާ ތަކުގައި ފިލްމް ޕްރިމިއާ ކުރަން ވެސް ފަށައިފި އެވެ. ނަމަވެސް ވާނާ ބްރޯސްއިން ބުނާ ގޮތުގައި އެ ސްޓޫޑިއޯގެ ފިލްމްތައް ސްޓްރީމިންއަށް ޕްރިމިއާ ކުރުން ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ.

އެ ސްޓޫޑިއޯއިން ވަނީ 2022 ވަނަ އަހަރުގެ ފިލްމްތަކުގެ ލިސްޓްގައި 10 ފިލްމްއެއް އެޗްބީއޯ މެކްސްގައި ޕްރިމިއާ ކުރަން ނިންމާފަ އެވެ. އަދި ވާނާ ބްރޯސްއިން މި އަހަރު ނެރޭ ފިލްމްތައް ޕްރިމިއާ ކުރުމުގައި "ހައިބްރިޑް" އުސޫލެއްގެ ދަަށުން ސްޓްރީމް ހިދުމަތް އަދި ސިނަމާ ތަކުގައި ފިލްމްތައް ޕްރިމިއާ ކޮށްފައި ވެއެވެ. މިއަހަރު ކުރިއަށް ރިލީޒް ކުރަން ހުރި ފިލްމްތައްވެސް ނެރޭނީ އެ އުސޫލުގެ ދަށުންނެވެ.

"ކުރީގެ ފިލްމް ރިލީޒް މޮޑެލް އަކަށް ދާކަށް ބޭނުމެއް ނޫން" ވާނާ މީޑިއާގެ ޗީފް ޖޭސަން ކިލާ ބުންޏެވެ.

ކިލާ ބުނި ގޮތުގައި މިއަހަރު ނެރުނު ފިލްމްތަކުން ލިބުނު އާމްދަނީ އަޅާކިއާއިރު "ހޯމް ޔޫޒާސް" ނުވަތަ ސްޓރީމިންގް ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުން ލިބުނު އާމްދަނީ ވަރަށް ރަނގަޅެވެ. އަދި މުސްތަގުބަލުގައި ވާނާ ބްރޯސްއިން ސިނަމާއަށް ނެރޭ ފިލްމްތައް 45 ދުވަހު ސިނަމާ ތަކުގައި ދެއްކުމަށް ފަހު ސްޓްރީމް ކުރާނެ އެވެ.

ވާނާ ބްރޯސްއިން އަމަލު ކުރަން ފެށި މި އުސޫލް ތަކުގެ ސަބަބުން ގިނަަ ބައެއްގެ ފާޑު ކިއުންތަކެއް އެ ކުންފުންޏަށް އަމާޒުވެފައި ވާއިރު ފިލްމް އުފައްދާ ޑިރެކްޓަރުން އަދި ޕްރޮޑިއުސަރުންގެ ފަރާތުން ވެެސް ވަނީ ގިނަ ފާޑުކިއުންތައް އެ ސްޓޫޑިއޯއަށް އަމާޒު ވެފަ އެވެ.