ސައުދީ ރަސްގެފާނުގެ އެހީގައި މާލޭގައި ބިނާކުރި ސަލްމާން މިސްކިތުގެ އެޅީ ކޮޕީ ކޮށްގެން ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރަން މެލޭޝިއާގެ ކުންފުންޏަކުން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅު ވެއްޖެ އެވެ.
ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތް އިމާރާތްކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސްގެ ޒައިނަށް ކަމަށް އެ ކުންފުނިން ދަނީ ބުނަމުން ނެވެ.
މިނިސްޓަރު ޑރ. ޒާހިރު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ސަލްމާން މިސްކިތުގެ ޑިޒައިންގެ މައްސަލައިގައި ދައުވާ ކުރަން ނިންމާފައިވާ ކަމަށް ބުނެ އެންއާރްވައި އާކިޓެކްސްއިން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެ ކުންފުނީގެ ބައެއް ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުވުންތައް ވެސް ބާއްވައިފައިވާަ ކަމަށެވެ.
"އަޅުގަނޑަށް އެޑްރެސްކޮށްފައި ސިޓީއެއް ފޮނުވާފައި އެބައޮތް އެބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުންގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުން ކޮށްފައޭ އެ އޮތީ. ކުޑަ ބަދަލެކޭ ގެނެސްފައި. ވިދާޅުވޭ މި މައްސަލައިގައި އެ ބޭފުޅުން ކޯޓަށް ވަޑައިގެން އެ ބޭފުޅުންގެ ހައްގު ހޯއްދަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.
އެންއާރްވައި އާކިޓެކްސްއިން ފޮނުވި ސިޓީއާ ގުޅިގެން ކޮޕީރައިޓްސްގެ މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
ސަލްމާތް މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެ މިސްކިތް ހުޅުވަން އެކި ތާރީހުތަކެއް ދިން ނަމަވެސް މިހާތަނަށް ވެސް ނުހުޅުވަ އެވެ. މިނިސްޓަރު ވިދާޅުވީ މިސްކިތް ހުޅުވުން ލަސްވުމާ ކޮޕީރައިޓްގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. އަދި ލަސްވަނީ މިސްކިތް ހުޅުވަން އަންނަ ސައުދީ ވަފުދު އަދި ރާއްޖެ އަންނަން ބޭނުންނުވާތީ ކަމަށެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 4000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރެވެ ގޮތަށް ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސް ވަނަ ފަންގިފިލާގައި ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެ އެވެ.