ޕީޕީއެމް

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އިދިކޮޅުން ތާއިދު

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމި މެމްބަރުން ޗުއްޓީގައި މިވަގުތު ތިއްބެވި ނަަމަވެސް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާއިދުކުރާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ހައެއް ފަހެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން އެންމެ ފަހުން ފުލުހުން އާންމުކުރި މައުލޫމާތުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެ އެކަމުގައި މަޖިލީހުން އަމަލުކުރާނެ ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ އެއްގޮތަށް ޖަލްސާ ބާއްވަން މެމްބަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިހާރު ވަނީ ފަށާފަ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް އުމަރު މިއަދު އަވަސް އަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"ފުލުހުން އެ ދެއްކީ ޖާނުން ފިދާވެގެން ހަމަލާ ދޭ ވާހަކައާ އެއްޗެތި. އެކަމަކު އެފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތެއް ފުލުހުން ނުބުނޭ. މިއީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް. އެހެންވީމާ އެފަދަ މައްސަލަތަކުގައި އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ،" އާދަމް ވިދާޅުވި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެމްބަރުން ސޮއި ހޯދަން މަސައްކަތް ފެށި ނަމަވެސް އެނގިފައިވާ ގޮތުގައި ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދަށް ސޮއި އަދި ނުލިބެ އެވެ. ބައެއް މެމްބަރުން ގައުމުގައި މިވަގުތު ނެތުމާއި އަދި ރަށްރަށުގައި ތިބުމުން ސޮއި ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އަދި އޭގެ ފަހުން 14 ދުވަސް ތެރޭ ޖަލްސާ ބާއްވަން ޖެހޭނެ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން މިދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މަޖިލިސް ދެން ފަށާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.