ސިނޯފާމް

ސިނޯފާމްގެ ދެވަނަ ޑޯޒް މާދަމާ ފަށަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުންދާ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިން ހަފްތާ ވެފައިވާ މީހުންނަށް މާދަމާ އެ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާލެ ސަރަހައްދުގައި އީދު ބަންދަށް ވެކްސިން ޕްރަގްރާމް އޮތީ މެދުކަނޑާލާފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭން ފަށާނެ ކަމަށެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަމައެކަނި ސެނެހިޔާއިންނެވެ. އެ ހޮސްޕިޓަލުން ހެނދުނު 9 އިން 11 އަށް ވެކްސިން ދޭނެ އެވެ.

ސިނޯފާމް ވެކްސިނަކީ ޗައިނާގެ އުފެއްދުމެކެވެ. އެ ގައުމުން ރާއްޖެއަށް ވަނީ 200،000 ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ. އަދި އިތުރު 300،000 ޑޯޒް ހަދިޔާ ކުރަން މިހާރު ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޖެހި ކޮވިޑް ވެކްސިންގެ ތެރޭގައި ހިމެނޭ ސިނޯފާމް ރާއްޖެ ގެނެސް ވެކްސިން ޖަހަން ފަށާފައިވަނީ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.