ދުނިޔެ

ޗައިނާއާ ގުޅުން ރަނގަކުރަން ބޭނުން: އެމެރިކާ

އެމެރިކާއިން ގުޅުން ރަނގަޅު ކުރަން އެދޭ ކަމަށް ބުނާއިރު އަތް އުރާލައިގެން ތިބެގެން އެކަމެއް ނުވާނެ ކަމަށް ޗައިނާއިން އޮތީ ބުނެފަ އެވެ. ޗައިނާ ބޮލުގައި ހުރިހާ ބަދުނާމެއް އަޅުވައި ވިޔަފާރި ކުންފުނިތަކަށް ހިރި ނުލެވޭ ވަރުކޮށް މަޝްވަރާ މޭޒު ދޮށަށް އަންނާށޭ ބުނުމަކުން އެކަމެއް ނުވާނެ ކަމަށް ޗައިނާއިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ޗައިނާއިން ބުނީ އެމެރިކާއާއެކު އެއްމޭޒު ދޮށުގައި މަޝްވަރާ ކުރަން ފަސޭހަވާނީ ދަތިކުރުމުގެ ގޮތުން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުޔެއް ދިނުމުން ކަމަށެވެ. އަދި ކެނެޑާގައި ހިފަހައްޓާފައި ހުރި ވާވޭގެ ޗީފް ފައިނޭޝަލް އޮފިސަރު، މޮންގް ވަންޖޯ ދޫކޮށްލުމުން ކަމަށެވެ.

ސިންގަޕޫރަށް ވަޑައިގެން މިހާރު އުޅުއްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުން ސުލްހަ އާއި ހަމަޖެހުމަށް އެމެރިކާއިން ވެސް އެދެ އެވެ. އޭނާ ވިދާޅުވީ ގުޅުން ކަނޑައިގެން ދިއުމުގައި ޗައިނާގެ ދައުރު ވެސް ބޮޑު ކަމަށެވެ.

"ޗައިނާއަށް ބައެއް ފަހަރު އެބަ އޮޅޭ އެމެރިކާގެ މަސްލަހަތު،" ލޮއިޑް އޮސްޓިން ވިދާޅުވި އެވެ. "އެމެރިކާއާއެކު ގާތް އެކުވެރި ގުޅުންތައް ދަމަހައްޓަމުން އަންނަ ގައުމުތަކަށް ޗައިނާއިން ޖެއްސުން ކުރުމަކީ އެމެރިކާއަށް ބޮޑު މައްސަލައެއް. އެމެރިކާއަށް އެބަ ޖެހޭ އެކަމުގެ ތެރެއަށް ވަންނަން" އޭނާ ވިދާޅުވި އެވެ.

ޑިފެންސް ސެކްރެޓަރީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައި އޮތީ ހުހަށް ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނާ ގުޅުމެއް އޮތް ތަނެއް ނޫން ކަމަށް ޗައިނާ ބުނާ ކަމަށެވެ. ޗައިނާއިން ކަނޑުގެ އެ ސަރަހައްދަށް ބާރު ހިންގަނީ އެހެންވެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަނޑަނީ އެކަނޑު ވަށައިގެންވާ ގައުމުތަކުގެ މަސްލަހަތާ ގުޅިފަައި އޮތް ތަނެއް ކަމަށެވެ.

ލޮއިޑް އޮސްޓިން ވިދާޅުވީ ޗައިނާއިން ބިރު ދައްކަނީ ހަމައެކަނި ކަނޑު އުޅަނދުފަހަރަށް ނޫން ކަމަށާއި މިނިވަން ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަދެ ނުކުތުން ވެސް ޗައިނާއިން ކުޅިވަރަކަށް ހަދައިފި ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯލީޖިއާން ވިދާޅުވީ އެމެރިކާއާ ޗައިނާއަކީ ކޮން ބައެއްކަން ދެ ގައުމަށް ވެސް އެނގެން ޖެހިފައި އޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ދެ ގައުމުން ވެސް މާނަ ފުން އަދި ބޭނުންތެރި ވާހަކަތަކެއް ދައްކަން ޖެހިއްޖެ އެވެ.

ޖައޯލީޖިއަން ވިދާޅުވި ގޮތުން ވިސްނަންވީ ކުރަން ބޭނުންޖެހިފައި އޮތް ކަމަކާ މެދު އެވެ. އޭނާ ވިދާޅުވީ ގުޅުން ބަދަހިކުރާނީތޯ ނުވަތަ ހާވާލާނީތޯ ނިންމަންވެއްޖެ ކަމަށެވެ. ބިނާކުރުމަށް ވުރެ މުހިންމީ ފަނާކުރުންތޯ ވެސް ބަލަންޖެހިއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މަސްލަހަތު ދެމެހެއްޓޭނީ ޒާތީ ތަފާތުތަކަށް ވެސް އިހުތިރާމްކޮށްގެންނެވެ.