އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންގެ އޮފިޝަލުން ބުނާ ގޮތުން -- އެމެރިކާއަށް ޖާސޫސްކުރުމަށް ޗައިނާއިން ފޮނުވައިގެން އުޅޭ ބޮޑު ފުއްޕާހަމެއް -- އެމެރިކާގެ އަވަށްތަކުގެ މަތިން ދަތުރުކުރަމުން އެބަދެ އެވެ.
ޕެޓަގަނުން ކުރިން ބުނި ގޮތުގައި ވައިޖަހައި ފުއްޕާފައި އޮތް މި ބޮޑުހަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މަތިންދާބޯޓު އުދުހޭ ވައިގެ ފަށަލަތަކަށް ވުރެވެސް މަތިންނެވެ. އެހެންކަމުން މަތިންދާބޯޓުގެ ދަތުރުތަކަށް ހުރަހެއް ނެތް ކަމަށް އެއިރު ވަނީ ބުނެފަ އެވެ.
ޕެންޓަގަންގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވި ގޮތުގައި މި ހަން ދަތުރުކުރަމުންދާ އުސްމިނަށް ބަލާއިރު ބިމުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. އަދި މި ހަމުގެ ސަބަބުން އެމެރިކާއަށް ސީދާ ނުރައްކަލެއް އޮތް ކަމަށް އަދި އެނގިފައި ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް، މި ހަމަށް ހަމަލާއެއްދީ ފަޅާލަން ނުކެރިނގެން އުޅެނީ ދެން ކަންތައް ވާނެ ގޮތް ކަށަވަރުކަމާ އެކު ބުނަން ނޭނގޭތީ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިންއާ ހަވާލާދެއްވައި ރިޕޯޓްތައް ބުނާ ގޮތުން ހަމުގެ ތެރޭގައި ކުދި އެތިކޮޅުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެ ހިސާބަށް ފޯރާވަރުގެ އުންޑައަކުން ހަން ފަޅާލައިފިނަމަ ވިހަ އެތިކޮޅުތަކެއް ބިމަށް ފޭބުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ މަތިން ދޭތެރެ ދޭތެއިން މިފަދަ ހަންތައް އުދުހޭ ކަމަށް ރައިޑާ ވިދާޅުވި އެވެ. އެހެންކަމުން ގައުމީ މުހިއްމު ޚަޒާނާއެއް -- ސިއްރު މައުލޫމާތެއް ގެއްލިދާނެ ކަމަށް ބަލައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައިޑާ ވިދާޅުވި ގޮތުގައި އެމެރިކާގެ މަތިން ބޮޑެތި ހަންތައް އުދުހުނެއް ކަމަކު މީގެ ކުރިން މާބޮޑު ކަމަށް ނުހައްދަވަ އެވެ. އެހެންނަަމަވެސް މިފަހަރު ފެނިގެން އުޅޭ ހަން އެމެރިކާގެ އަވަށްތަކުގެ މަތީގައި އޮންނަތާ އާދަޔާ ޚިލާފު ގިނައިރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.