ދުނިޔެ

ޑޮލަރު ޗާޕްކުރުމަކީ ހައްލެއް ކަމަކަށް ނުދެކެން: ޕޫޓިން

ބަޖެޓް ފޫބައްދަން ޑޮލަރު ޗާޕް ކުރުމަކީ ހައްލެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅު ވެއްޖެ އެވެ. ޕޫޓިން ވިދާޅުވީ ޑޮލަރު އޮތީ މުޅި ދުނިޔެއަށް ނުފޫޒު ފޯރުވާފައި ކަމަށާއި އެމެރިކާގެ ބަޖެޓް ޑެފިސިޓް ފޫބައްދަން ޑޮލަރު ޗާޕް ކުރުމުން މުޅި ދުނިޔެއަށް ލޮޅުން އަރާނެ ކަމަށެވެ.

އިކޮނިމިކް ކޮންފަރެންސަކަށް މައުމޫމާތު ދެއްވަމުން ޕޫޓިން ވިދާޅުވީ އެމެރިކާއިން 15 ޕަސެންޓް އުނިކޮށް ބަޖެޓް ހަދާތާ ދެއަހަރު ވެއްޖެ ކަމަށާއި އެބައި ފޫބައްދަނީ ޑޮލަރު އިތުރަށް ޗާޕް ކޮށްގެން ކަމަށެވެ. ޕޫޓިން ވިދާޅުވީ 15 ޕަސެންޓް ޑެފިސިޓްކޮށް ބަޖެޓް ހަދަނީ، ކަމެއް ތަޖުރިބާކުރަން ނަމަވެސް ދުނިޔޭގެ މާކެޓަށް އަސަރު ނުކުރާނެ ގޮތް އެއީ ނެތް ގޮތް ކަމަށެވެ.

ޕޫޓިން ވިދާޅުވީ ކޮވިޑާ ގުޅިގެން ރަޝިއާގެ އިގުތިސޯދަށް ވެސް ނުބައި އަސަރުކުރި ކަމަށާއި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން އިގުތިސޯދު ސީދަލަށް ކޮޅަށް ހުރި ކަމަށެވެ. އެހެން ނަމަވެސް އުންމީދު ކުރެއްވި ވަަރަށް ވުރެ ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ.

ޕޫޓިން ވިދާޅުވީ މާލީ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް ދަމަހައްޓައިފިނަމަ އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށާއި އިގުތިސޯދު ރަނގަޅު ކުރަން އެއްބާރުލާން އެދިވަޑައިގަންނަވާ ކަމަށެވެ.

ދުނިޔޭގައި ޑިސެމްބަރު 2019 ގައި ކޮވިޑް ފެތުރިގަތް ފަހުން ގައުމުތަކުގެ އިގްތިސޯދަށް ބޮޑު ގެއްލުންތަކެއް ވަނީ ވެފަ އެވެ. ގައުމުތަކުގައި ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް ހުއްޓިފައި ވާއިރު ގިނަ ގައުމުތަކު ރިޒާވަށް ވެސް ވަނީ ގުޑުން އަރާފަ އެވެ.