ލައިފްސްޓައިލް

ވީޑިއޯއެއް ޝޫޓްކުރަނިކޮށް ޗައިނާގެ ޓިކްޓޮކް ތަރިއެއް މަރުވެއްޖެ

ވީޑިއޯއެއް ޝޫޓްކުރަން 160 ފޫޓު ދިގު ކެރޭނެއްގެ މައްޗަށް އަރާ އުޅެނިކޮށް ވެއްޓި ޗައިނާގެ ޓިކްޓޮކް ތަރި ޒިއާއޯ ކިއުމީ މަރުވެއްޖެ އެވެ، ޒިއާއޯ އަކީ ވެސް ކެރޭން އޮޕަރޭޓްކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. ވެއްޓުނުއިރު އޭނާ ހުރީ ކެރޭނުގެ ކެބިން ތެރޭގައި ވީޑިއޯއެއް ލައިވް ސްޓްރީމް ކުރާށެވެ.

އިނގިރޭސި ވިލާތު ނޫހެއް ކަމަށްވާ "ދަ ސަން" ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ފާއިތުވީ ޖޫން މަހުގެ 20 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޒިއާއޯ އޭނާ ގެންގުޅުނު ފޯނާއެކު ވެއްޓުނު މަންޒަރު އޭނާގެ ލައިވްސްޓްރީމް ބަލަން ތިބި ވަރަށް ގިނަ ބަޔަކަށް ވަނީ ފެނިފަ އެވެ.

ޒިއާއޯ ވީޑިއޯ ޝޫޓް ކުރަމުން ދިޔައީ އޭނާއާއެކު ކެރޭން އޮޕަރޭޓް ކުރުމުގެ މަސައްކަތުގައި އުޅޭ ގިނަ މީހުން މަސައްކަތް ނިންމާފައި ދިޔަ ފަހުންނެވެ.

އޭނާ ވެއްޓި ބިންމައްޗަށް ޖެހުނުއިރު ވެސް އަތުގައި ފޯނު އޮތުމުން ވަރަށް ރީއްޗަށް ވެއްޓުނު މަންޒަރު ފޯނަށް ވަނީ އަރާފަ އެވެ.
ޒިއާއޯ މަރުވިކަން އޭނާގެ އާއިލާއިން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. އާއިލާއިން ބުނީ ޒިއާއޯ މަރުވީ ސްޓަންޓެއް ހަދަނިކޮށް ނޫން ކަމަށާއި އޮޅިގެން ފިޔަވަޅު އެޅުނު ގޮތަކުން އަރިއަޅާލައިގެން ކަމަށެވެ.

ޒިއާއޯ ކެރޭނު ތެރޭގައި ވާހަކަ ދައްކަން ހުރި ތަނާއި އޭގެ ފަހުން އޭނާ ވެއްޓުނުއިރު ވެސް ވީޑިއޯ ކުރެވިފައިވާތީ މި ވީޑިއޯ ބެލި ގިނަ މީހުން ބުނެފައި ވަނީ މިއީ ބިރުވެރި މަންޒަރެއް ކަމަށެވެ.

ޒިއާއޯ، 23، ޓިކްޓޮކްގައި ފޮލޯކުރާ މީހުންގެ އަދަދު ލައްކަ އަކަށް ވުރެ ގިނަ އެވެ. އޭނާ އަކީ ޗައިނާގެ ޓިކްޓޮކް އާޓިސްޓުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ.

ޒިއާއޯ އަކީ ދެ ކުދިންގެ މަންމަ އެކެވެ. އޭނާ ޕްރޮފެޝަންގެ ގޮތުންނާއި ގޭގައި އުޅޭއިރު އާދަކޮށް ކޮށްއުޅޭ މަސައްކަތްތަކުގެ ވީޑިއޯތައް އަބަދުވެސް ޓިކްޓޮކްގައި ޝެއާ ކުރެ އެވެ. އަދި މި ވީޑީއޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުން ދިޔަ އެވެ.