މާލޭ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހު އެސްޓްރާޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެކްސިން ޕްރޮގްރާމްގެ ތަފްސީލް އެޗްޕީއޭގެ އިމިއުނިޒޭޝަން ޕްރޮގްރާމްގެ އޮފިސަރު ނާޝިޔާ އަބްދުލް ގަފޫރް ހިއްސާ ކުރެއްވި އެވެ.
ނާޝިޔާ ވިދާޅުވީ އަތޮޅު ތެރޭގައި މިހާރު ވެސް އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު މާލޭ ސަރަހައްދުގައި އެސްޓްރާޒެނެކާގެ ވެކްސިން ޕްރޮގްރާމު ފަށާނެ ކަމަށެވެ.
މާލޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހަ ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތް ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.
ފަސް ސެންޓަރެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
ނާޝިޔާ ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު އެކި ސަބަބުތަކާ ގުޅިގެން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެސް އެސްޓްރާޒެނެކާ ވެކްސިން އެ ސެންޓަރުތަކުން ޖެހޭނެ ކަމަށެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ކޮވިޝީލްޑް ބޭނުންކުރި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ކޮވިޝީލްޑް ޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ. ކޮވިޝީލްޑާއި އެސްޓްރާޒެނެކާ އެއީ އެއް ވެކްސިނެއް ކަމަށާއި ހަމައެކަނި ތަފާތީ އުފެއްދި ތަން ކަމުގައިވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ބޭނުންވާ މީހުން ދުރާލައި އެޕޮއިންޓްމަންޓް ހައްދަންޖެހެ އެވެ. އެމީހަކަށް ފަސޭހަ ގަޑިއަކަށް އެޕޮއިންޓްމަންޓް ހެއްދި ދާނެ ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުންދާ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިން ހަފްތާ ވެފައިވާ މީހުންނަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުން މިއަދު ފަށާފަ އެވެ.