ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗު ކަވަރުކުރަން 600 ނޫސްވެރިން ދަނޑަށް ވަންނާނެ ކަމަށާއި 600 މިލިއަން މީހުން މި މެޗު ބަލާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފި އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އަދި ވާދަވެރި ދެ ޓީމުގެ މެޗު އެކި ކަންކޮޅުތަކުން 600 މިލިއަން މީހުން ބަލާނެ ކަމަށް ލަފާކޮށްފައިވާއިރު 170 ގައުމެއްގައި މެޗު ލައިވްކުރާނެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ފެނިގެންދާނެ މެޗަށް ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބައު ސްޓޭޑިއަމަށް 220 މީޑިޔާ އޮގަނައިޒޭޝަނުން ވަންނާނެ އެވެ.
މިރޭ 10:15 ގައި ފަށާ މި މެޗު ބާސެލޯނާގެ ސްޓޭޑިއަމުގައި 85000 މީހުން ބަލާނެ އެވެ. އަދި އިންޑޮނީޝިޔާގެ ރަސްމީ ދަނޑުގައި ވެސް މި މެޗު ވަގުތުން ދައްކާނެ އެވެ. އެ ސްޓޭޑިއަމަށް މެޗު ބަލަން 10000 މީހުން ވަންނާނެ އެވެ.
މި ދެ ޓީމުގެ ތެރެއިން މި ސީޒަނުގައި ގިނަ ގޯލު ޖަހާފައިވަނީ ރެއާލް އެވެ. އެ ޓީމުން 26 ގޯލު ޖަހާފައިވާއިރު ބާސެލޯނާ ޖަހާފައިވަނީ 25 ގޯލެވެ. އެކަމަކު 27 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައިވަނީ ބާސެލޯނާ އެވެ. ރެއާލް ދެ ވަނާގައިވަނީ 24 ޕޮއިންޓާއެކުގަ އެވެ.
ފްރާންސާއި ޖަރުމަނު މީގެ ހަފުތާއެއްކުރިން ކުޅުނު މެޗަށް ގޮވާތަކެއްޗާއެކު ބަޔަކު ވަންނަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވިއިރު ފްރާންސްގެ އެކި ހިސާބުތަކުގައި ބޮންގޮއްވާފައިވާތީވެ، މި މެޗުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ.