އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ފަށާފައިވާ ކެންޕެއިންގެ ތެރެއިން އެ ޕާޓީއަށް ވަނުމަށް ފޯމް ފުރާ މީހުންނަށް ފައިސާ ދެމުންދާ ކަމަށް ކުރެވޭ ތުހުމަތު އަދާލަތުން ދޮގުކޮށްފި އެވެ.
އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ހާއްސަ ކެންޕެއިނެއް ފަށާފައެވެ. މީގެ ކުރީންވެސް އެފަދަ ކެންޕެއިންތައް ކުރިއަށް ގެންދިޔަނަމަވެސް މިދިޔަ ފަސް އަހަރެއްހާ ދުވަހުންވެސް އަދާލަތުގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.
އެ ޕާޓީން އަމާޒު ހިފާފައިވަނީ ދައުލަތުން ދެން ފައިސާ ދޫކުރުމުގެ ކުރީން ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރުކޮށް ދައުލަަތުން ފައިސާ ހޯދުމެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަދާލަތުން ގެންދަނީ ފައިސާ ދީގެން އެ ޕާޓީއަށް މެންބަރުން އިތުރު ކުރަމުންނެވެ. އެގޮތުން ކޮންމެ ފޯމަކަށް 1،500 ރުފިޔާ ދެމުންދާ ކަމަށް ބުނެއެވެ.
ނަމަވެސް އެ ޕާޓީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައިވެއެވެ. އަދާލަތުން ބުނީ ފައިސާ ދީގެން ޕާޓީއަށް މެންބަރުން އިތުރުކުރާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށެވެ. އަދާލަތަކީ ވިޔަފާރިވެރިންގެ އެހީގައި ހިންގާ ޕާޓީއަކަށް ނުވާއިރު އެ ޕާޓީން މަސައްކަތް ކުރާނީ އުސޫލުގެ ތެރެއިން ޕާޓީއަށް މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރު ދޭ ފަައިސާ ހޯދުމަށް ކަމަށްވެސް ބުނެފައިވެއެވެ.