ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗަށް ނެރޭނީ އެޓޭކިން ޓީމެއް ކަމަށް ރެއާލްގެ ކޯޗު ރަފާ ބެނީޓޭޒް ބުނެފި އެވެ.
ލިވަޕޫލާއި ޗެލްސީ އަދި އިންޓަމިލާނާއި ވެލެންސިއާގެ ކުރީގެ ކޯޗު އޭނާގެ ފުރަތަމަ އެލްކްލެސިކޯ މެޗަށް ނުކުތުމުގެ ކުރިން ބުނީ ބާސެލޯނާއާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ކަރީމް ބެންޒެމާ އާއި ގެރެތް ބޭލް ވެސް ކުޅޭނެ ކަމަށެވެ. އަދި އަނިޔާ އަށް ފަހު ކޮލަމްބިއާ އަށް ހާމޭސް ރޮޑްރިގޭޒް ދެ މެޗު ކުޅެދީފައިވާފައިތީވެ މިރޭގެ މެޗަށް ހާމޭސް ވެސް ނެރޭނެ ކަމަށެވެ.
"އަހަރުމެން ކުރަންވީ ކަމަކީ އެޓޭކް ކުރުން. ރެއާލްގައި އޮވޭ ސްޓައިލެއް. އެއީ އެޓޭކްކޮށް ގިނަ ގޯލު ޖެހުން. މި ޓީމަކީ އެޓޭކް ކުރަން ތައްޔާރަށް އޮތް ޓީމެއް. އަހަރުމެންނަށް އެނގޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗެއްގެ މުހިންމުކަން. ޓީމު އޮތީ ވަރަށް ފޯރީގައި،" ބެނީޓޭޒް ބުންޏެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ބޭލް ބުނީ ބާސެލޯނާއިން އެމީހުންގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށާއި މިހެންވެ ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ އެޓޭކިން ގޭމެއް ފެނިގެންދާނެ ކަމަށެވެ.
"ބާސެލޯނާ އެމީހުންގެ ސްޓައިލް ބަދަލެއް ނުކުރާނެ. އަހަރުމެން ވެސް ނުކުރާނަން. އަހަރެން ޔަގީން ކުރަން ސަޕޯޓަރުންނަށް ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ގޭމެއް ފެނިގެންދާނެ ކަމަށް. ބާސެލޯނާއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް. އެކަމަކު ދެ ޓީމުން ވެސް ގޯލުޖަހައި މޮޅުވާން މަސައްކަތް ކުރާނެ،" ބޭލް ބުންޏެވެ.
މި ދެ ޓީމުގެ ތެރެއިން މި ސީޒަނުގައި ގިނަ ގޯލު ޖަހާފައިވަނީ ރެއާލް އެވެ. އެ ޓީމުން 26 ގޯލު ޖަހާފައިވާއިރު ބާސެލޯނާ ޖަހާފައިވަނީ 25 ގޯލެވެ. އެކަމަކު 27 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައިވަނީ ބާސެލޯނާ އެވެ. ރެއާލް ދެ ވަނާގައިވަނީ 24 ޕޮއިންޓާއެކުގަ އެވެ. ބާސެލޯނާގެ ފަރިތަކުރުންތަކުގައި މެސީ (ވ) އިއްޔެ ބައިވެރިވަނީ: ރެއާލްއާ ދެކޮޅަށް އޭނާ ފެނުމުގެ ފުރުސަތު ބޮޑު.
ފްރާންސާއި ޖަރުމަނު މީގެ ހަފުތާއެއްކުރިން ކުޅުނު މެޗަށް ގޮވާތަކެއްޗާއެކު ބަޔަކު ވަންނަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވިއިރު ފްރާންސްގެ އެކި ހިސާބުތަކުގައި ބޮންގޮއްވާފައިވާތީވެ، މި މެޗުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ.