އިންޑިއާ އަކީ ވަރަށް ގާތް އަދި އިތުބާރު ކުރެވޭ އެކުވެރިއެއް ކަމަށް އެމެރިކާ އަބަދު ވެސް ބުނެ އެވެ. އެމެރިކާއާ އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީ ކަމަށާއި އެކުގައި އެއް އެޖެންޑާއަކަށް މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަތްޕުޅުގައި އޮތް ލިސްޓްގައި އެ އެކުވެރިކަމުގައި ކުނިޖެހިދާނެ ދެތިން ނުކުތާއެއް އޮތް ކަމަށް ހަބަރުތައް އެބަ ބުނެ އެވެ.
އެސޯސިއޭޓް ޕްރެސް ބުނާ ގޮތުން ބްލިންކެން އެންމެ ފުރަތަމަ ވެސް ދެއްކެވީ އިންސާނީ ހައްގުތަކުގެ ވާހަކަ އެވެ. އެމެރިކާގައި އަދި އިންޑިއާގައި އޮތީ ނަމޫނާ ޑިމޮކްރަސީއެއް ކަމަށާއި އެކަމު އިންޑިއާއިން ތަންކޮޅެއް ފަރުވާ ކުޑަ ކުރަން ފަށައިފި ކަމަށް ބްލިންކެން ވިދާޅުވި އެވެ.
އެމެރިކާގައި އަދި އިންޑިއާގައި ވެރިކަން ކުރަނީ ރައްޔިތުން ދެކެ ލޯބިވާ ވެރިން ކަމަށާއި ނަސްލީ އަދި ދީނީ ތަފާތު ކުރުމެއް ނެތި އެމީހަކަށް ކަށަވަރު ހައްގުތައް އެމީހަކަށް ދޭންޖެހޭނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
އިންޑިއާގައި ދަނޑުވެރިން އަޑު އުފުލަނީ ހައްގުތައް ހޯދަން ކަމަށާއި ވެރިންނަށް އޮތް ޒިންމާއަކީ އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހައި މުހުތާދުތައް ފުއްދައިދިނުން ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ ހިޔާލު ފާޅު ކުރުމަކީ ޑިމޮކްރަސީގެ މައި ތަނބު ކަމަށާއި އިންޑިއާއިން މި ތަނބަށް ލޮޅުން އަރުވައިފި ކަމަށެވެ. ޑިމޮކްރަސީ ދެމެހެއްޓިފައި އޮތް ކަމަށް ބުނެދޭ އަލާމާތަކީ އެ ގައުމެއްގައި ގާނޫނީ ބާރު ނެގެހެއްޓުމާއި ދީނީ މިނިވަންކަން އޮތުން ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.
އިންޑިއާގެ ބައި މަދު މުސްލިމުންނަށް ޖެހިފައި އޮތް ތަކުލީފުތަކަށް އަލިއަޅުއްވާ ލައްވައި ބްލިންކެން ދިގު ވާހަކަތަކެއް ނުދެއްކެވި ނަމަވެސް ވިދާޅުވީ ދީނީ ތަފާތު ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށެވެ.
އެންތަނީ ބްލިންކެން އިންޑިއާއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި އެންމެ ފުރަތަ ބައްދަލުކުރެއްވީ މަަދަނީ ޖަމިއްޔާތަކާ އެވެ.
ބްލިންކެން ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވާނެ އެވެ. ވެރިންނާއެކު މަޝްވަރާކުރައްވަން ހުރި ވާހަކަތަކުގެ ތެރޭގައި ޗައިނާއާ އަފްޣާނިސްތާން ހިމެނެ އެވެ.