މިހާރު ކުރިޔަށްދާ ޓޯކިޔޯ އޮލިމްޕިކްސްގައި މެޑަލް އެއް ހޯދި މީހަކާ ރުޅިވެވުނީތީ އޭނާގެ ކުރީގެ ލޯބިވެރިޔަކު ހިތާމަ ފާޅުކޮށްފި އެވެ. ޓޯކިޔޯގައި މިދިޔަ ހޯމަ ދުވަހު އޮތް ފިރިހެނުންގެ އިންޑިވިޖުއަލް ޓްރައަތުލޯން (މިކްސްޑް ރިލޭ)ގައި ބައިވެރިވި ނިއުޒިލެންޑްގެ ހޭޑެން ވިލްޑޭ ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އޭނާ ހޯދައިދިން މެޑަލް އަކީ މި ގޭމްގައި ނިއު ޒިލެންޑަށް ލިބުނު ފުރަތަމަ މެޑަލް ވެސް މެއެވެ.
ވިލްޑޭގެ ކާމިޔާބީ ފާހަގަކުރަން އޭނާގެ އަމިއްލަ ރަށުގައި ފޭނުން ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ޓީވީ ޗެނަލެއްގެ ރިޕޯޓަރަކު ވިލްޑޭގެ ފޭނުންނާ އިންޓަވިއު ކުރަމުން ދިއުމުގެ ތެރޭގައި އަންހެނަކު ތެދުވެ އޭނާއަކީ ވިލްޑޭގެ ކުރީގެ ލޯބިވެރިޔެއް ކަމަށް ބުންޏެވެ. އަދި ވިލްޑޭ އާ ރުޅިވެވުނީތީ މިހާރު ވަރަށް ހިތާމަކުރާ ކަމަށް ވެސް އެ އަންހެންމީހާ ބުންޏެވެ.
ނަމަވެސް ވިލްޑޭ އާ އަލުން ލޯބީގެ ގޮތުން ގުޅުމުގެ ވިސްނުމެއް އަންހެންމީހާގެ ނެތެވެ. ވިލްޑޭއަށް މިހާރު އޭނާ ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ރިޕޯޓަރު ސުވާލު ކުރުމުން އަންހެންމީހާ ބުނީ ވިލްޑޭގެ ކާމިޔާބަށް ވަރަށް ބޮޑަށް ފަޚުރުވެރިވާ ވާހަކަ ކަމަށެވެ.
ވިލްޑޭގެ ކުރީގެ ލޯބިވެރިޔާ ބުނީ އޭނާ އާއި ވިލްޑޭ ޕްރައިމަރީ ސްކޫލްގައި ވެސް އުޅުނީ އެކުގައި ކަމަށެވެ.
މި ކާމިޔާބީ ލިބުމުން އެންމެ ފުރަތަމަ ވިލްޑޭ ގުޅާނީ ކާކަށްތޯ ސުވާލުކުރުމުން އަންހެންމީހާ ބުނީ ވިލްޑޭ ގުޅާނެ ކަމަށް އޭނާއަށް ހީވަނީ މިހާރުގެ ލޯބިވެރިޔާއަށް ކަމަށެވެ.
ބްރޯންޒް މެޑަލް އެޅުވުމާއެކު ވިލްޑޭ އާ ވެސް މި ސުވާލު އެތާނގައި ހުރި ނޫސްވެރިއަކު ކުރި އެވެ. އޭނާ ވެސް ބުނީ ހަމަ ކުރީގެ ލޯބިވެރިޔާ ބުނި ގޮތަށެވެ.
ވިލްޑޭ ބުނީ އޭނާގެ ލޯބިވެރިޔާ މި ވަގުތު ހުރީ ސްޕޭނުގައި ކަމަށާއި އޭނާގެ ރޭސް ބަލަން ލޯބިވެރިޔާ ނުނިދާ ހޭލާ އިންނާނެ ކަމަށެވެ. އެހެންވެ އެންމެ އަވަހަށް ގުޅާނީ އޭނާއަށް ކަމަށް ވިލްޑޭ ބުންޏެވެ.