މިވަގުތު ކޮވިޑް ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ދުވާފަރުގައި ކޮވިޑް-19 ފެތުރުމުގައި ކޮންޓްރޯލެއް ނެތް ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި ސީނިއާ އެޑްމިން އޮފިސަރު އާމިރު އަހްމަދު މިއަދު އަވަސް އަށް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ރަށުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.
އާމިރު ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނައިރު ރަށުން ފުލޫގެ ގޮތުގައި ވެސް ބައިވަރު ކޭސްތައް ރިޕޯޓް ކުރަމުންދާ ކަމަށެވެ. ރެންޑަމް ސާމްޕަލް ކުރިން ނެގި ނަމަވެސް ފުލޫގެ ގޮތުގައި ކޭސްތައް ރިޕޯޓް ކުރާތީ ރެންޑަލް ސާމްޕަލް ނެގުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ނަމަވެސް ހާލަތަށް ބަދަލެއް ނާންނާތީ ބަލި ކޮންޓްރޯލް ކުރެވެން އޮތީ ރެންޑަމް ސާމްޕަލް ނަގައިގެން ކަމަށްވާތީ ވަރަށް އަވަހަށް އަލުން ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށް މިހާރު މިދަނީ ތައްޔާރުވަމުން،" އާމިރު ވިދާޅުވި އެވެ.
ދުވާފަރުގައި މިވަގުތު ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. އެންމެ ކައިރިން ވެސް ކޮވިޑް ޓެސްޓް ހެދެން ހުރީ ރ. އުނގޫފާރުގަ އެވެ.
އާމިރު ވިދާޅުވީ ކޮވިޑް ސާމްޕަލްތައް އާންމުކޮށް ފޮނުވަނީ މާލެ ކަމަށާއި، 24 ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވާ ކަންވެސް ފާހަގަކުރެއްވި އެވެ.
"މީހުންގެ މޫވްމެންޓަށް ބަލާއިރު ރަށުތެރޭގައި މީހުން ނިކުމެ އުޅުން މަދު. އެކަމަކު ވަރަށް ކަންބޮޑުވާ ދަރަޖައަށް ބައެއް މީހުންގެ މޫވްމެންޓްސް ބައެއްފަހަރު ހުރޭ. މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެ. ބައެއް މީހުންގެ ފަރާތުން އެންމެ ރަނގަޅު އެއްބާރުލުމެއް ނުލިބޭ" އާމިރު ވިދާޅުވި އެވެ.
ދުވާފަރުގައި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަަވަޅުތަކަށް އެއްބާރުލުން ނުދޭ މީހުންގެ މައުލޫމާތު އެރަށު ޓާސްކްފޯސް އިން ދަނީ ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓް ކުރަމުންނެވެ. ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އަށް އެއްބާރުލުން ލިބިގެން ނޫނީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމުގައިވެސް އާމިރު ވިދާޅުވި އެވެ.
"ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން ނޫނީ މިކަމަކުން ސަލާމަތެއް ނުވެވޭނެ. ބަލި ކޮންޓްރޯލް ނުވެ ރަށް ބަންދުވެފައި ގިނަ ދުވަސްތަކަކު އޮންނަން ޖެހެއްޖިއްޔާ އެތައް ބަޔަކަށް އެތައް ގޮތަކުން ދަތިތަކާ ކުރިމަތިވާނެ ކަން ވެސް ގަބޫލުކުރަންޖެހޭ. އަޅުގަނޑުގެ އިލްތިމާސް އަކީ އިދާރާތަަކަށް އެއްބާރުލުން ދިނުން،" އާމިރު ވިދާޅުވި އެވެ.
ދުވާފަރުގައި މިހާތަނަށް 525 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އިއްޔެ އެރަށުން އިތުރު ހަ މީހަކަށް ބަލި ޖެހުނު އިރު އެކްޓިވް ކޭސްގެ ގޮތުގައި 136 މީހުން އެބަ ތިއްބެވެ. ކޮވިޑް ބަލީގައި މިހާތަނަށް ދުވާފަރުން ތިން މީހަކު ވަނީ މަރުވެފަ އެވެ.
ދުވާފަރުގައި އަންނަނީ 12 ގަޑިއިރު ކާފިއު ވެސް ހިންގަމުންނެވެ. އެއީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. އެހެން ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުނިކުތުމަށް އެރަށު ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ދުވާފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެރަށް ބަންދުކޮށްފައި ވަނީ މިދިޔަ މޭ 25 ވަނަ ދުވަހު އެވެ.