ރާއްޖެ ކުޅިވަރު

އަސަދުﷲ ރަންބޫޓާ ގާތަށް

މަހިބަދޫކޮޅަށް މާޒިޔާގެ ފޯވަޑް އަސަދުﷲ އަބުދުﷲ ހެދި ހެޓްރިކާއެކު މި ސީޒަނުގެ ރަންބޫޓާ ގާތަށް އޭނާ ޖެހިލައިފި އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ މަހިބަދޫކޮޅަށް އޭނާ ޖެހި ހަތަރު ލަނޑާއެކު މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

އޭވައިއެލްއިން ކުޅެން ފަށައި ފަހުން ވެލެންސިއާ އަށް ކުޅުމަށްފަހު މާޒިޔާގައި މިދިޔަ ތިން އަހަރު ކުޅުނު އެ ޓީމުގެ މިހާރުގެ ކެޕްޓަން އަސަދުﷲ އަކީ ހުސްވި އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު ވެސް ހާސިލްކުރި ކުޅުންތެރިޔާ އެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން ރޭގެ މެޗަށް ފަހު ބުނީ އަސަދުﷲ ރަންބޫޓު ހޯދައިދިނުމަކީ ޓީމުގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑު ހުންނަ ޓީމެއް ސީޒަނަކަށް ނުކުންނައިރު ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް އޮވޭ. ޓީމަށް ތަށި ހޯދައިދިނުމުގެ އިތުރަށް އިންޑިވިޖުއަލް ކުޅުންތެރިންނަށް ލިބޭ އެވޯޑްތައް ހޯދައިދިނުމަކީ ވެސް ވަރަށް ބޮޑު އަމާޒެއް. އެ ގޮތުން 2013 ވަނަ އަހަރު ނޫނީ އަޅުގަނޑުގެ ކުޅުންތެރިންނަށް ރަންބޫޓު ލިބިފައިވަނީ މިދިޔަ އަހަރުތަކަށް ބަލާއިރު. ދެން ސާފް ޗެމްޕިއަންޝިޕް ވެސް ކުރިއަށް އޮތުމާއެކު އަސަދުﷲ އަށް މީތި ލިބުން ވަރަށް ގާތް،" ސުޒޭން ބުންޏެވެ.

އޭނާ އަދި ބުނީ މަހިބަދޫ ކޮޅަށް ހަތަރު ލަނޑު ޖަހައި އަސަދުﷲ ލަނޑު ރަންބޫޓާ ގާތަށް ޖެހިލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަސަދުﷲއާ އެންމެ ގާތުން ވާދަކުރަނީ ވެސް މާޒިޔާގެ ކުޅުންތެރިއެކެވެ. އެއީ މުހައްމަދު އުމޭރެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާ ގިނަ މެޗުތަކެއް ނުކުޅެ އެވެ.