ފުވައްމުލައް

ފުވައްމުލަކަށް ސިޒޭރިއަން ހަދާނެ އާ ޑޮކްޓަރެއް

ފުވައްމުލަކު ހޮސްޕިޓަލުން އާ ޑޮކްޓަރަކާއެކު ހިދުމަތް ދޭން ފަށައިފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ އާ ޑޮކްޓަރަކު ހިދުމަތަށް ވަޑައިގަތުމުން ސިޒޭރިއަން ފަދަ ކަންކަމުން ކުރީގެ ޑޮކްޓަރު މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ނޫން ފަރުވާތައް ދިނުމުގައި މިހާރު ވެސް އެ ޑޮކްޓަރު ހަރަކާތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު ސިޒޭރިއަން ފަދަ ހިދުމަތްތައް ދެނީ ލ. އަތޮޅުން ގެންދިޔަ ޑޮކްޓަރެކެވެ.

"ލ. އަތޮޅުން ގެނައި ޑޮކްޓަރު މިހާރު މި ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ހަފުތާއެއް ވެއްޖެ. ކުރިން އެ މަސައްކަތުގައި އުޅުއްވި ޑޮކްޓަރާ ގުޅޭ އިންވެސްޓިގޭޝަނެއް ހެލްތު މިނިސްޓްރީން ދަނީ ކުރަމުން. އެ އިންވެސްޓިގޭޝަން ނިމުނީމަ އެނގޭނީ އެ ޑޮކްޓަރު ނޫނީ ސާޖަރީ ޓީމުގައި ހިމެނޭ އެހެން މީހެއްގެ އިހުމާލެއް އޮތްކަން،" ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި ފަހުން ބަނޑު ތެރޭގައި ފޮތިގަނޑެއް އޮތް މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. އެކަން އެނގުނީ އެ މީހާގެ ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލުން ބެލުމަށް ފަހު ވެސް ރިހުން ނުކެނޑޭތީ އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އޭގެ އިތުރުން އެހެން ބައެއް ކޭސްތަކުގައި ވެސް ހަމަ އެ ޑޮކްޓަރުގެ އިހުމާލު އޮތް ތުހުމަތުތައް އޮވެ އެވެ. އެ މައްސަލަތަކާ ގުޅިގެން އެ ޑޮކްޓަރު މަސައްކަތުން އެކެހެރި ކުރަން އެ ސިޓީގެ ކައުންސިލްއިން ހެލްތު މިނިސްޓްރީގައި އޮތީ އެދިފަ އެވެ.