ކޮނޑޭ

ކޮނޑޭ މަރިޔާދުގޭގައި ރޯކޮށްލައި ކައުންސިލް ތިޖޫރީ ފަޅާލައިފި

ގއ. ކޮނޑޭ ރައްޔިތުންގެ މަރިޔާދު ގެއެއްގައި ރޯކޮށްލައި، އެރަށު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައިފިއެވެ

ކޮނޑޭ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު އާމިރު ސައީދު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ މެންދަމު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މަރިޔާދުގޭގައި ރޯކޮށްލަައި އަންދާލާފައިވާ ކަމަށާއި ފަނުން ހަދާފައިވާ އެ މަރިޔާދުގެ ރޯކޮށްލުމުން އެތަނަށް ގޮސް ފުލުހުންނަށް ރިޕޯޓް ކުރުމަށްފަހު ކައުންސިލް އިދާރާއަށް ދިޔައިރު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައިވާ ކަމަށެވެ.

ރޭގެ ހާދިސާގައި ކޮނޑޭ މަރިޔާދުގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު ތިޖޫރީން ބައިލައްކައެއްހާ ރުފިޔާ އާއި ކެމެރާއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ކޮނޑޭ ކައުންސިލް އިދާރާއިން ބުންޏެވެ.

ގާތްގަނޑަކަށް 500 އެއްހާ މީހުން ދިރިއުޅޭ ރަށުގެ ކައުންސިލްގެ ތިޖޫރީ ފަޅައިލި އިރު ކައުންސިލް އިދާރާގައި ސެކިއުރިޓީ ގާޑަކު ނުހުރެ އެވެ.