ހަބަރު

މީހުން ހުސްކުރި ގެއަކުން ބޮޑު ވައްކަމެއް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިގން އުޅުނު ވަގުތު އެ ސަރަހައްދުގައި ހުރި ގޭގެއިން މީހުން ހުސްކުރަމުން ދަނިކޮށް، އެއިން އެއް ގެއެއްގެ ދެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަން ހުށަހަޅައިިފ އެވެ.

ފުލުހުން މިއަދު ބުނީ މީހުން ހުސްކުރި އެއް ގެއެއްގެ ހަތްވަނަ ފަންގިފިލާއިން 700 ޔޫއެސް ޑޮލަރަކާއި އައިވޮޗަކާއި އިއާޕެޑެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހަށް މިއަދު ހެނދުނު 10:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެ ގޭގެ އަށްވަނަ ފަންގިފިލާއިން 37،200 ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 11:52 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ވައްކަން ކޮށްފައި ވަނީ ކޮން ގެއަކުން ކަމެއް ފުލުހުން ނުބުނެ އެވެ. މިހާތަނަށް އެ ތަކެތި ހޯދިފައި ނުވާއިރު، އެ ދެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. ފަހުން އަލިފާނުގެ އަސަރު ވަނީ އެ ސަރަހައްދުގައި ހުންނަ އިތުރު ތިން ކެމިކަލް ގުދަނަކަށް ކޮށްފަ އެވެ. އެ ހާދިސާގައި ހަތަރު ގުދަނެއްގެ އިތުރުން ހަ ގެއެއްގައި ރޯވި އެވެ.

އެ ހާދިސާގައި ވަނީ ރޯވި އެއް އިމާރާތެއްގައި ތާށިވި ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ ނިޔާވެ ފަ އެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު، އެ އެންމެންނަށް ވެސް ވަނީ ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.