ކޮވިޑުން ރައްކާތެރި ގައުމުތަކުގެ ގްރީން ލިސްޓުގައި ޔުނައިޓް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ ހިމަނައިފި އެވެ.
ޔޫއޭއީން އެންމެ ފަހުން ނެރުނު ގްރީން ލިސްޓުގައިި މުޅިން އާ އަށް ގައުމެއް ވަނީ ހިމަނައިފަ އެވެ. މި ލިސްޓުގައި ޖުމްލަ 31 އެއް ގައުމު ހިމެނޭ އިރު ލިސްޓަށް އަލަށް އިތުރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި، ބަހްރެއިން އަދި ޗެކް ރިޕަބްލިކް ހިމެނެ އެވެ.
މި ލިސްޓުގައި ހިމެނޭ ގައުމުތަކުން ޔޫއޭއީއަށް މާދަމާއިން ފެށިގެން ދަތުރުކުރާަ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
މި ލިސްޓުގައި ރާއްޖެ ހިމެނުނަސް ދެކުނު އޭޝިއާ އެހެން އެއްވެސް ގައުމެއް ނުހިމެނެ އެވެ. އެހެންކަމުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުން ޔޫއޭއީއަށް ދަތުރުކުރުމަށް ރާއްޖެ ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އަނެއްކާވެސް ބޮޑުވާނެ އެވެ. މީގެ ކުރިންވެސް އިންޑިއާގެ ގިނަ އަދަދެެއްގެ ރައްޔިތުން ގަލްފުގެ ބައެއް ގައުމުތަކަށް ދަތުރުކުރުމަށް ރާއްޖެ ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުން ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިޔަ އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާ އިރު ދެކުނު އޭޝިއާއިން ރާއްޖެއަށް ދަތުރުކުރުާ ފަތުރުވެރިންނަށް ވަނީ ލުއި ވެސް ދޭން ފަށައިފަ އެވެ. އެގޮތުން 96 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ކޮވިޑް ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ރާއްޖެ މިހާރު އެތެރެވެވޭނެ އެވެ.