ޕީޕީއެމް

މާފަށް އެދެމުން މުހަންމާ އަލުން ޕީޕީއެމާއި ގުޅިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިއްޖެ އެވެ. މިއީ އޭނާ އެ ޕާޓީއާ ގުޅުނު ދެވަނަ ފަހަރެވެ.

މުހަންމާ މިރޭ ޕީޕީއެމާއި ގުޅިފައިވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. 2014 އިން 2019 އަށް ހިނގި މަޖިލީހުގެ 18 ވަނަ ދައުރުގައި އޭނާ ފުރަތަމަ ނިސްބަތްވީ ޕީޕީއެމަށް ނަމަވެސް ދައުރުގެ ފަހުބައިގައި ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއެކު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ތެދުވި 12 މެންބަރުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

19 ވަނަ މަޖިލީސް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވީއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން މުހަންމާ ވަނީ ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރާ ކަމަށާ އެކަމާއި މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިރޭ ފަށާ މަސައްކަތް ނިންމާނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ފަހު ކަމަށެވެ.

"އަޅުގަނޑަށް ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މި ހެދުނީ ވަރަށް ބޮޑު ވަރަށް ބޮޑު ގޯހެއް،" މުހަންމާ ވިދާޅުވިއެވެ.