އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވާ ގޮތުން އިރާނާއެކު ސުލްހަވެރި އެއްބަސްވުމަށް ދެވޭތޯ މަސައްކަތް ކުރައްވަނީ ހެޔޮ ނިޔަތެއްގަ އެވެ. އޭނާ ވިދާޅުވީ މައްސަލައަކަށް ވާނީ އީރާނުން ނިއުކްލިއާ ބާރު ލިބިގަތުމަށް ކުރާ މަސައްކަތްތައް ހަކަތަ އުފެއްދުން ފަހަނައަޅައި ހަތިޔާރު އުފެއްދުމަށް މިސްރާބު ޖެހުން ކަމަށެވެ.
އީރާނާއެކު ނިއުކްލިއާ ޑިލެއް ހަދަން އެމެރިކާ ވެސް ޝައުގުވެރިވާ ކަމަށް ބްލިކެން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން އޭގެ މާނައަކީ ވަކި މުއްދަތެއް ނެތް ގޮތަށް ދިގު ދަންމަ ދަންމާ ތިބުން ނޫން ކަމަށެވެ.
ބްލިންކެން ވިދާޅުވީ ބޯޅަ މިހާރު އޮތީ އީރާން ފަޅީގައި ކަމަށާއި ހަރުދަނާ ވާހަކަތަކައިގެން މަޝްވަރާ މޭޒުދޮށުގައި ސައްލާ ކުރަންވީ ކަމަށެވެ. ކުވޭތުގައި ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ބްލިންކެން ވިދާޅުވީ މަޝްވަރާ ކުރެވެމުން ދާއިރު ނިއުކްލިއާ މަސައްކަތްތައް ވެސް އޮންނަން ވާނީ ހުއްޓިފައި ކަމަށެވެ.
އީރާނުން ބުނީ ނިއުކްލިއާ މަޝްވަރާތައް ދެން ފެށޭނީ އިންތިހާބީ ރައީސް، އިބްރާހީމް ރައީސީ މަގާމާ ހަވާލުވެ ވަޑައިގަތުމުން ކަމަށެވެ. އިބްރާހީމް ރައީސީ، އީރާންގެ ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށް ވަނީ އޮގަސްޓް ފަހެއްގަ އެވެ.
ބާރަކް އޮބާމާ ވެރިކަމުގައި 2015 ގައި އީރާނާއެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން ޑޮނަލްޑް ޓްރަމްޕް 2018 ގައި އޮތީ އުވާލާފަ އެވެ.
ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެން އީރާނާއެކު ސުލްހަވެ ނިއުކްލިއާ ޑީލަށް އެނބުރި ދިއުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. މި އެއްބަސްވުން، ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން، އަށް އަމަލުކުރަން ފެށުމުން އީރާނަށް ވަކި މިންވަރަކަށް މެނުވީ ނިއުކްލިއާ މާއްދާތައް މުއްސަދިކުރުން މަނާވާނެ އެވެ.
އެމެރިކާ ބުނާ ގޮތުން އީރާނުން ނިއުކްލިއާ ބޮމެއް އުފައްދައިފި ނަމަ ސަރަހައްދީ މަސްލަހަތު ވެސް ގެއްލުނީ އެވެ. އަނެއްކޮޅުން އިޒްރޭލަށް ބިރުބޮޑުވެ ސަރަހައްދު އަނދަވަޅަކަށް ވެސް ވީއެވެ.