ލައިފްސްޓައިލް

37 އަހަރުގެ މީހަކު ހޭލިއިރު 20 އަހަރުގެ ހަނދާންތައް ނެތް

އުމުރުން 37 އަހަރުގެ މީހަކު އެއް ދުވަހަކު ހެނދުނު ހޭލި ގޮތަށް ސްކޫލަށް ދާން ތައްޔާރުވާން ފެށި އެވެ. އޭނާ ހީކުރީ އެއީ 1990 އިގެ އަހަރުތައް ކަމަށެވެ. އަދި އޭނާގެ އުމުރުން އޭރު އެންމެ 16 އަހަރު ކަމަށެވެ. މިގޮތަށް އޭނާއަށް ހީވީ ހޭލިއިރު ފާއިތުވީ 20 އަހަރު ދުވަހުގެ ހަނދާންތައް ގެއްލިފައި ވާތީ އެވެ.

ޑެނިއަލް ޕޯޓާ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ގްރެންބަރީގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ ހިއަރިން ސްޕެޝަލިސްޓެއް ވެސް މެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ދުވަހެއްގައި އޭނާ އާދަވެ ނިދާ އުޅޭ ގޮތަށް ރޭގަނޑު ނިދާފައި ހެނދުނު ހޭލިއިރު ފާއިތުވީ 20 އަހަރުގެ ހަނދާންތައް ވަނީ ނެތިފަ އެވެ. އެހެންވެ ހޭލި ގޮތަށް އޭނާއަށް ހީވީ އޭނާއަށް 16 އަހަރު ކަމަށެވެ. އަދި އަވަހަށް ސްކޫލަށް ދާން ތައްޔާރުވާން ފެށި އެވެ.

ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލާފައި ވެސް އޭނާއަށް ލިބުނީ ޝޮކެކެވެ. ކުއްލިއަކަށް އޭނާ މާ ފަލަވެ މުސްކުޅިވެފައި ހުރި ސަބަބެއް ނޭނގިގެންނެވެ.

ޑެނިއަލްގެ އަންހެނުން ރުތު ބުނި ގޮތުގައި އެންމެ ކުރިން އޭނާއަކަށް ވެސް މި ވެގެން އުޅޭގޮތެއް ނޭނގެ އެވެ. ނަމަވެސް ހާސްވެގެން ޑެނިއަލް ތެޅިފޮޅެން ފެށުމުން އެންމެ ކުރިން އޭނާ ހަމަޖެއްސޭތޯ މަސައްކަތް ކުރީ ކަމަށް ރުތު ބުންޏެވެ. ޑެނިއަލް އަކަށް ރުތު އަކީ އޭނާގެ އަންހެނުން ކަމެއް ވެސް ނޭނގެ އެވެ. އޭނާއަށް ހީވީ ކޮންމެވެސް ނުދަންނަ މީހަކު އޭނާ ކިޑްނެޕްކޮށްގެން އުޅެނީ ކަމަށެވެ.

"އެ ދުވަހު އޭނާ ހެނދުނު ހޭލިއިރު އަހަންނަކީ ކާކުކަމެއް އަދި އޭނާއަށް ހުރެވުނީ ކޮން ތާކު ކަމެއް ވެސް ނޭނގުނު. އޭނާގެ ސިކުނޑި ވަނީ އޮޅުން ބޮޅުމެއްގެ ތެރޭގައި. އޭނާ ނިދާފައި އޮތް ކޮޓަރިއަކީ ވެސް އޭނާ ދަންނަ ތަނެއް ނޫންކަން އޭނާގެ ހަރަކާތްތައް ހުރި ގޮތުން އެނގުނު. އޭނާ ހީކުރީ އޭނާ ރާބޮއިގެން މާބޮޑަށް މަސްތުވެގެން ކޮންމެވެސް މީހަކާ އެކު ގެއަކަށް ގޮސް އޮތީ ކަމަށް. ނޫނީ މީހަކު އޭނާ ކިޑްނެޕްކޮށްގެން ގެންގޮސްގެން އުޅެނީ ކަމަށް. އެތަނުން ސަލާމަތްވާނެ ގޮތެއް ހޯދަން އޭނާ މަސައްކަތް ކުރަމުން ދިޔަތަން އަހަރެންނަށް ފެނުނު،" ޑެނިއަލްގެ އަންހެނުން ބުންޏެވެ.

މިކަން މެދުވެރިވީއިރު ޑެނިއަލް އާއި ރުތު ދިރިއުޅެމުން ދިޔައީ ޑެނިއަލްގެ މައިންބަފައިންގެ ގޭގައި ކަމުން އެމީހުން އައިސް ރުތު ދައްކަނީ ތެދު ވާހަކައެއްކަމަށް ޑެނިއަލް އަށް ވިސްނައިދިނީ އެވެ. އެވަރުން ވެސް ޑެނިއަލް އަކަށް އޭނާގެ 10 އަހަރުގެ ދަރިފުޅު ލިބީ ވެސް އެއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލެއް ނުކުރެވުނެވެ. އަދި އެމީހުން ލޯބިން އޮޅުކޮށްގެން ގެންގުޅޭ ދެ ކުއްތާ ފެނުނީމަ ވެސް އޭނާ ގަތީ ބިރެވެ.

"ލޯގަނޑުން އަމިއްލަ ސޫރަ ބަލާފައި ވެސް ޑެނިއަލް ގާތަށް އައީ ރުޅި. ބުނަނީ ކީއްވެތޯ އަހަރެން މިހާ ފަލަވެފަ މުސްކުޅިވެފަ މިހިރީ،" ރުތު ބުންޏެވެ.

ޑެނިއަލްގެ ހަޔާތުގެ ފާއިތުވީ 20 އަހަރުގެ ހުރިހާ ހަނދާނެއް ނެތުމުން އޭނާ އެ ދުވަސްވަރު ކިޔެވި ހުރިހާ އެއްޗެހި ވެސް ވަނީ ހަނދާން ނެތިފަ އެވެ. އޭނާއަކީ ހިއަރިން ސްޕެޝަލިސްޓެއްގެ ތަމްރީނު ހޯދާފައިވާ މީހަކަށް ވިޔަސް އެކަމާ ގުޅޭ އެއްވެސް އެއްޗެއް ވެސް ހަނދާނުގައި ނެތުމުން ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ޓްރާންސިއަންޓް ގްލޯބަލް އެމްނީޝިއާ ކިޔާ ބައްޔެކެވެ. މި މައްސަލަ ދިމާވުމުން ޝޯޓް-ޓާމް މެމޮރީއަށް ވަގުތީ ގޮތުން މައްސަލަތައް ކުރިމަތިވެ އެވެ. މިހާ ގަދަޔަށް ކުއްލިއަކަށް ޑެނިއަލް އަށް މި މައްސަލަ ކުރިމަތިވީ ސަބަބެއް ބުނާކަށް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ. ނަމަވެސް އެއީ އެމޯޝަނަލް ސްޓްރެސްގެ ސައިޑް އިފެކްޓްސް އަކަށް ވެދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2020ގެ ޖެނުއަރީން ފެށިގެން ޑެނިއަލް އަށް ވެއްޓޭ ބަލީގެ މައްސަލަތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. މީހާ ތަންކޮޅެއް ބޮޑަށް ސްޓްރެސް ވާއިރަށް ހޭނެތިގެން ވެއްޓި އަނގައިން ފޮނު ނުކުމެ ގޮތްގޮތް އޭނާއަށް ވަމުން ދިޔަ އެވެ. މިކަމާ ހެދި ވަޒީފާ ގެއްލި ދިރިއުޅެމުން ދިޔަ ގެ ވިއްކާލައި މައިންބަފައިންގެ ގޭގައި ދިރިއުޅެން ފެށީ އެވެ.