ބޮލީވުޑް

ތައިމޫރާއެކު ފިލްމު ކުޅެން ފަސޭހައެއް ނުވާނެ: ސައިފް

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ޚާނާ ހެދި އިންޑިޔާ މީހުން ޚާއްސަކޮށް މީޑިއާ ވަނީ މޮޔަ ވެފަ އެވެ. އޭނާގެ ފޮޓޯ ނެގުމަކީ ޕަޕަރާޒީން އެންމެ ކުރާ ހިތްވާ ކަންތަކަށް ވެފައި ވާއިރު ތައިމޫރު ބަލަހައްޓާ އަންހެންމީހާ ވެސް ކުޑަ ސެލެބްރިޓީއަކަށް ވަނީ ވެފަ އެވެ.

ތައިމޫރު ހުންނަލެއް ލޯބި ކަމުން އޭނާ ލައްވާ އިޝްތިހާރުތަކާއި ފިލްމުތައް ކުޅުވަން ވެސް ފޭނުން ދަނީ ސައިފް އާއި ކަރީނާގެ ކިބައިން އެދެމުންނެވެ. އެގޮތުން ދާދި ފަހުން ސައިފް ބައިވެރިވި ޝޯއެއްގައި ފޭނަކު ވަނީ ހޮލިވުޑް މަޝްހޫރު ފިލްމު "ބޭބީޒް ޑޭ އައުޓް" ގެ ރިމޭކެއްގައި ސައިފް އާއެކު ތައިމޫރު ބައިވެރި ކުރަން އެދިފަ އެވެ.

މި ސުވާލުގެ ޖަވާބު ސައިފް ދިނީ ވަރަށް މަޖާކޮށެވެ. އޭނާ ބުނީ ޓިމް (ތައިމޫރު) ގޮވައިގެން ފިލްމެއް ކުޅުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

"ޓިމް އާއެކު ޝޫޓް ކުރުމަކީ ވަރަށް ވަރުބަލި ކޮށްލާނެ ކަމެއް. ޝޫޓިން ފަށާތަނާ ބުނެފާނެ އަހަރެން ބޭނުމެއް ނޫނޭ އިތުރަށް ޝޫޓް ކުރާކަށް. އެހިސާބުން ދެން އެކަން އޭނާ ލައްވާ ކުރުވާކަށް ލާހިކެއް ނޫން. އެހެން ނޫނަސް ކުޑަކުދިން ލައްވާ ޝޫޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން. ޚާއްސަކޮށް އަމިއްލަ ދަރިން ގޮވައިގެން އެކަމެއް ނުކުރެވޭނެ،" ސައިފް ބުންޏެވެ.

ކަރީނާ އާއި ސައިފް މީގެ އަހަރެއްހާ ދުވަސް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ވެސް ތައިމޫރަށް ޕަޕަރާޒީންގެ އުނދަގޫ ފޯރާ ވަރުން ކަންބޮޑުވާކަން ފާޅު ކޮށްފައި ވެއެވެ. އަދި އެހާ ކުޑަކުޑަ ކުއްޖަކަށް މީހުން މާބޮޑަށް ސަމާލުކަން ދޭން ފެށުމުން އޭނާގެ މިޒާޖަށް އަތުވެދާނެ ގޯސް ބަދަލުތަކަކާ މެދު ވެސް ހާސްވާ ކަމަށް އެ މީހުން ބުނެފައި ވެއެވެ.

ތައިމޫރު އުފަން ވީއްސުރެ އޭނާއަށް ވަރަށް ގިނަ އިޝްތިހާރުތަކާއި ފިލްމުތައް ކުޅުމުގެ ފުރުސަތުތައް ލިބެމުން ދެއެވެ. ނަމަވެސް ސައިފް ބުނީ ފައިސާ އަށް އޭނާގެ ދަރިފުޅުގެ ތުއްތު ހަޔާތުގެ ދުވަސްތައް ވިއްކާ ނުލާނެ ކަމަށެވެ.