ބޮލީވުޑް

ސައިފާއި ކަރީނާގެ އުފަން ދުވަސް ރާއްޖޭގައި

ކަރީނާ ކަޕޫރުގެ 41 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފި އެވެ. ކަރީނާގެ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ހާން ވަނީ ކަރީނާ އާއެކު ރާއްޖޭގައި ނަގާފައިވާ ވަރަށް ރޮމެންޓިކް ފޮޓޯއަކާއެކު ކަރީނާއަށް ހާއްސަ މެސެޖެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

މިދިޔަ މަހު ސައިފްގެ އުފަން ދުވަސް ފާހަގަ ކުރަން ވެސް މި ދެމަފިރިން އެމީހުންގެ ދެ ދަރިން ގޮވައިގެން ރާއްޖެ އައިސްފައި ވެއެވެ.
ކަރީނާ މިފަހަރު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަމުން ނަގާފައިވާ ބައެއް ފޮޓޯތައް އޭނާ ދަނީ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ. މީގެ ތެރެއިން އެއް ފޮޓޯއެއްގައި ފެންނަނީ އޭނާގެ ހަގު ދަރިފުޅު ޖޭ ކޮންމެވެސް އެއްޗެއް ބޭނުން ވެގެން ބޮޑާ ހާކާ މަންޒަރެވެ.

އަދި އޭނާ ހެނދުނު ސައިބޯން ގޮސް އިނދެ ނަގާފައިވާ ފޮޓޯއެއް ވެސް ކަރީނާ ޝެއާ ކޮށްފައި ވެއެވެ. އެ ފޮޓޯގައި ޖޭ އިށީންނަ ގޮނޑި ފެންނަން އިނަސް ޖޭ އެއް ނުފެނެ އެވެ. ކަރީނާ މި ފޮޓޯގެ ކެޕްޝަންގައި އޭނާގެ ދަރިފުޅު ކޮބައިތޯ ސުވާލު ކޮށްފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާގެ މަޖައްލާއަކަށް ސައިފް ދީފައިވާ އިންޓަވިއު އެއްގައި ބުނީ ކަރީނާ އާއި އޭނާ ދެބަސް ވާން ޖެހޭ ފަހަރުފަހަރު ކަރީނާ ހިތްހަމަޖައްސާލައި ހައްދާލަން އެންމެ ރަނގަޅު ގޮތަކީ ލަންޑަނަށް ޗުއްޓީއަކަށް ގޮވައިގެން ދިއުން ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ލަންޑަނަށް ވުރެ ވެސް އެމީހުންނަށް ރާއްޖޭގެ މަގްބޫލުކަން އިތުރުވެފައިވާ ކަމަށް ބެލެވެ އެވެ.

ބޮލިވުޑްގެ ގިނަ ތަރިންތަކެއް މިހާރު ރާއްޖެއަށް ވަރަށް ގިނަގިނައިން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.

ސޯޝަލް މީޑީއާގައި އެ ތަރިން ޝެއާ ކުރާ ފޮޓޯތަކުން ޔަގީން ކުރެވޭ ގޮތުގައި ޕަރިނީތީ ޗޯޕްޅާ ވެސް މިހާރު ހުރީ މައިންބަފައިންނާއި ކޮއްކޮ އާއެކު ރާއްޖޭގަ އެވެ. އަނަންޔާ ޕާންޑޭ ވެސް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. އަދި ދާދި ފަހުން ސާރާ އަލީ ހާން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ.