ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މި ޕާކިން ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައެވެ.
އަލަށް ތަރައްޤީކުރި މި ޕާކިން ޒޯން ގައި ހަތަރު ފުރޮޅުލީ ވެހިކަލަށް 20 ޖާގަ ހަދާފައިވެއެވެ. މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލް ގެންގުޅޭ މީހުންނަށް 15 ޖާގަ ދޫކުރާނެ ކަމަށާ ބާކީ ފަސް ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ މީހުންނަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިތަނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް ބުންޏެވެ. ޖާގަ ދޫކުރުމުގައި އަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިން ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށެވެ. އެގޮތުން މި ޒޯން ވެސް ހާއްސަ ކޮށްފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށެވެ. ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ މީހުން ސިޓީ އަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ ނެގުމަށެވެ. އެހެނިހެން ވެހިކަލަށް މަހަކު 1500 ރުފިޔާ ނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން މި ހާލަތު ބަދަލުވެއްޖެ ކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000 ރުފިޔާއެވެ.