ދީން

ދަރިން ރުއްްސުމުގެ ގޮތުންވެސް ދޮގު ހަދައިގެން ނުވާނެ: ހުތުބާ

ދަރިން ރުއްްސުމުގެ ގޮތުންވެސް ދޮގު ހެދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާ އެކަމުން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި މައިންބަފައިންނަށް އިލްތިމާސްކޮށްފި އެވެ.

"ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު" މި ނަމުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ މުދަލާއި ދަރިންނަކީ މާތްﷲ، އިންސާނުން އިމްތިހާނު ކުރެއްވުމުގެ ގޮތުން ދެއްވާ ދެއްވުންތަކެއް ކަމަށާ އެ ދެއްވުންތަކަށް ރައްކާތެރިވުމަށްޓަކައި ތެދުވެރިވާން ޖެހޭ ކަމަށެވެ. މައިންބަފައިންނަކީ ދޮގު ހަދާ އޮޅުވާލާ ބަޔަކަށްވެއްޖެނަމަ ދަރިންގެ ކުރިމަތީގައި މައިންބަފައިންގެ އިތުބާރު ގެއްލެން ގިނަ އިރުތަކެއް ނުނަގާނެ ކަމަށާ އަދި އެކަން ވާނީ ދަރިންނަށް ދަސްކޮށްދެވޭ ނުރަނގަޅު ފިލާވަޅަކަށް ކަމަށްވެސް ބުނެފައިވެއެވެ.

"ވީމާ ދަރިން ރުއްސުމުގެ ގޮތުން ވިޔަސް އެ ކުދިންގެ ގާތުގައި ދޮގު ހެދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެެވެ،"

ހުތުބާގައި ބުނެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މިވަގުތު މައިންބަފައިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކާޓޫން ފިލްމުތަކާއި އިލެކްޓްރޯނިކް ގޭމްތައް ކަމަށެވެ. މިފަދަ ފިލްމުތަކާއި ގޭމްތަކުގެ ބޮޑު ބަޔަކީ ކުއްޖާގެ ސިކުނޑި ދޮވެލާ ތަކެތިކަން ފާހަގަކޮށް އެ ތަކެތި ތައްޔާރުކޮށްފައިވަނީ އޭގެ އަވާގައި ޖެހިއްޖެނަމަ އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އޭގެ ފަހަތުން ނުދުވެ ނުތިބެވޭހާ މޮޅު ހުނަރާއި ކުޅަދާނަކަަން ބޭނުންކޮށްގެން ކަމަށް ހުތުބާގައިވެއެވެ.

"ނަމަވެސް ބައެއް ބެލެނިވެރިންގެ ނަޒަރުގައި މިއީ މާ ބޮޑު ކަމެއް ނޫނެވެ. އަދި ހާއްސަކޮށް ރެ އާއި ދުވާލު މަސައްކަތުގައި އުޅޭ ބައެއް މައިންބަފައިންނަށް މިކަން ވެފައި އޮންނަނީ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. ދަރިފުޅުގެ އަތަށް ފޯނެއް ނުވަތަ ލެޕްޓޮޕެއް ދީފައި ބޭންދުމުން ކިތަންމެ ގިނަ އިރެއްވިޔަސް މައިންބަފައިންނަށް އުނދަގޫ ކުރުމެއް ނެތި ފިލްމުތަކާއި ގޭމުތަކުގެ ދުނިޔެއަށް ގެއްލިފައި އިންނާތީއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ކުރާ ނޭދެވޭ އަސަރު ބޭރުފުށުން ފެންނަން ފަށާއިރު އެ ކުދިން ތިބޭނީ އެކަމުން އެކަހެރި ކުރެވޭ ވަރަށް ވުރެ މާބޮޑަށް އޭގެ މަސްތުގައި ޖެހި ސިކުނޑި ދޮވެވިފައެވެ. ވީއިރު މިއީ މަޖޫސީ ކުރުމަށް ވުރެ ކުޑަ ކަމެއްތޯއެވެ،" ތަރުބިއްޔަތަށް އިހުމާލުވުމުގެ ނުރައްކާ ބަޔާންކޮށް ހުތުބާގައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ދައުރު މަައިންބަފައިންނަށް އަދާކުރެވޭނީ މައިންބަފައިންގެ ޝަހުސިއްޔަތު އެ ކުދިންގެ ކުރިމަތީގައި ހަރުދަނާ ވެގެން ކަަމަށެވެ. އެ ހަރުދަނާ ކަމުގެ ބިންގަލަކީ އިހުލާސްތެރިކަމާއި ތަގުވާވެރިކަން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވިސުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ދަރިންނާއި އޮންނަ ގާތް ގުޅުމުގެ ތެރެއިން އެ ކުދިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެ ކުދިން މައިންބަފައިންގެ މައްޗަށް އަމުރު ކުރަން ފަށާތަން ފެނިގެންދާނެ ކަމަށާ މިއަދު އެކަންކަން ފެންމުންދާ ކަަމަށްވެސް ބުނެފައިވެއެވެ.

ދަރިންތަރުބިއްޔަތު ކުރުމުގެ ނަމުގައި ރުޅި އަންނަ ކޮންމެ ފަހަރަކު އެ ކުދިންނަށް ޖިސްމާނީ އަނިޔާ ދިނުމަކީ ޖަރީމާއެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ދަރިންގެ ހިތްތަކުގައި ނޭދެވޭ ޖަޒުބާތު އުފެދޭނެތީ އެފަދަ ކަންކަމުން ދުރުވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.