އެޑްމިޓްކޮށްފައި އޮތް ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ސ. މަރަދޫ ސިއްހީ މަރުކަޒު ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.
މަރަދޫ ސިއްހީ މަރުކަޒުން ބުނީ އެޑްމިޓްކޮށްފައިވާ ބަލިމީހާ އާއި އެތަނުގެ ބައެއް މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓް ވުމާއި ގުޅިގެން މިއަދުން ފެށިގެން ތިން ދުވަހަށް ހުރިހާ ހިދުމަތެއް ހުއްޓާލައިފައިވާ ކަމަށެވެ. އެގޮތުން މަރުކަޒު ދެން ހުޅުވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އެ މަރުކަޒުން ބުނިގޮތުގައި އެތަނުގެ މުވައްޒަފުން ކޮވިޑް ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުން އަލުން ހިދުމަތްތައް ދޭން ފަށާނެ އެވެ. އެރަށުން މީހަކު ބަލި ވެގެން ފަރުވާ ހޯދަން ބޭނުންނަމަ އެންމެ ކައިރި ސިއްހީ މަރުކަޒަކަށް ދިއުމަށް ވެސް މަރަދޫ ސިއްހީ މަރުކަޒުން ވަނީ އެދިފަ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މަރަދޫގައި ބަލިޖެހިފައިވާ 19 މީހަކު އެބަ ތިއްބެވެ. މުޅި ސިޓީގައި އެކްޓިވް 26 ކޭސް އުޅެ އެވެ.
އައްޑޫގައި ކޮވިޑް ފެތުރި ދެ މަސް ވާންދެން ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ މިމަހުގެ 19 ވަނަ ދުވަހު އެވެ.