ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް މަސްއޫލުވެރި ވުޒާރާގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓްރީ އިން އަންނަނީ ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލަމުން ކަމަށް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް 2021" އާއި ގުޅިގެން މިއަދު މިނިސްޓަރު މާރިޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިސްޓްރީ އިން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މިހާރު އަންނަނީ ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަން އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
މާރިޔާގެ ބަޔާނުގައި ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕާފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރި ކަމަށެވެ. ނަމަވެސް މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވޮޗްލިސްޓުން އުނިވެ، ޓިއާ ދޭކަށް ރާއްޖެ ޕްރޮމޯޓް ވެފައިވާ ކަމަށާއި މިއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައިފައިވާ އެކްޝަން ޕްލޭންގެ ދަށުން ހާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތައް ވެސް މިނިސްޓަރުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމްކުރުމާއި، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިން އިން ޕާސަންސް (އެންޓި-ޓިޕް) އޮފީސް ގާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުން ހިމެނެ އެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނު އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތް ކުރަން ގާނޫނަށް ގެނެސްފައިވާ ބަދަލު މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް" ފާހަގަކުރުމަށް އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ. މިޝިއާރު ބިނާވެފައި ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިހްސާސްތައް އިތުރަށް ދެނެގަނެ އަދި އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ.