"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން އިންޓަނެޓަށް ގެނެސްދިން ބަދަލާމެދު ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް ތައާރަފްކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން މިއަދު ބުނީ "ނެޓްހެޔޮ" ޕްރޮގްރާމުގެ ބޭނުމަކީ އިންޓަނެޓްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ރަގަޅުކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ގެނައި ބަދަލާ އެއްގޮތަކަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.
އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަން "1515" އަށް ގުޅައި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީއިން މިއަދު ވަނީ އެދިފަ އެވެ.
"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮއަގު ލިބެން ފަށާފައި ވަނީ މި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައި ވާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ.
އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. މި މަހުން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސް އެވެ.
މީގެ އިތުރުން 300ރ. އަށްވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސް އަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޑު ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެ އެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެ އެވެ.