ރަޝިއާގައި ތާލިބާނުން ލިސްޓް ކޮށްފައި އޮތީ ޓެރަރިސްޓް ޖަމާއަތެއް ގޮތަށެވެ. ރަޝިއާއިން ބުނީ ތާލިބާނުން އަފްޣާންގައި ހަރަކާތްތެރި ވަމުން އަންނަ ގޮތް އެ މީހުން ދިރާސާކުރާ ކަމަށާއި މުޅި އަފްޣާން އަތުލައިގަތުމަކީ ތާލިބާނުންނަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.
ރަޝިއާއިން އަފްޣާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަމީރު ކަބުލޯފް ވިދާޅުވި ގޮތުން އަފްޣާން މަޝްރަހު މިހާރު ގޮތް ރަޝިއާއިން ވަނީ ކުރިއާލައި ކުރަހާފަ އެވެ. އަފްޣާންގެ ހާލަތު ކޮންމެ ގޮތަކަށް ފުރޮޅިގެން ދިޔަ ނަމަވެސް އެ ހާލަތަކަށް ރަޝިއާ ތައްޔާރު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާލުވި ގޮތުން ރަޝިއާއިން އެންމެ ބޮޑަށް ވިސްނާފައި އޮތީ އަފްޣާންގެ ހާލަތު މިހާރު އެ އޮތް ގޮތަށް ބަދަލު ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެން ވިސްނަން ޖެހެނީ މިހާރުގެ ހާލަތު ދެން ބަދަލު ވެގެން ދާނީ ކޮން ގޮތަކަށްތޯ އެވެ.
ތާލިބާނުންނަށް އަފްޣާންގެ ފުލް ކޮންޓްރޯލް ނުނެގޭނެ ކަމަށް ރަޝިއާއިން ބުނާ ސަބަބެއް ކަމަށް ސަފީރު ވިދާޅުވީ އަފްޣާންގައި އޮންނަ 417 އަަވަށުގެ ތެރެއިން 200 އަވަށަށް ތާލިބާނުން ވެރިވެގަތްކަން އިއުލާން ކުރިތަނުން އަފްޣާން ސިފައިން 30 އަވަށް އަތުލައިގަތް ކަމަށެވެ.
"އަފްޣާންގައި ހާލަތު ބަދަލު ވަމުން ދާނެ ގޮތަކީ މިއީ،" ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޝްރަހު އޮންނާނީ ދެކޮޅަށް ކިރިކިރި ކަމަށާއި މާބޮޑަށް ކަންތައް ގޯސްވާ ނަމަ އެމެރިކާ މަޑުން ނޯންނާނެ ކަމަށެވެ.
ތާލިބާނުން ބުނީ އެ ޖަމާއަތުން ބޭނުން ވަނީ ސިޔާސީ ހައްލެއް ކަމަށާއި އެމީހުން ހިއްސާވާ ގޮތަށް ވެރިކަމެއް ގާއިމު ކުރުމުން ހުރިހާ މައްސަލައެއް ނިމުނީ ކަމަށެވެ. އެ ޖަމާއަތުން ބުނީ މުޅި އަފްޣާންގައި ވެރިކަން ކުރަން ތާލިބާނުން ބޭނުންުވާ ކަމަށާއި އެމީހުން ވެސް ނިސްބަތް ވަނީ އަފްޣާނިސްތާނަށް ކަމަށެވެ.