ޓެކްނޯލޮޖީ

ގެލަކްސީ ނޯޓް ހުއްޓާލާކަށް ސަޕޯޓަރުން ބޭނުމެއް ނޫން

ގެލަކްސީ ނޯޓް ހުއްޓައި ނުލެވިގެން ސެމްސަންގް ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭ ހެންނެވެ. ފާއިތުވި ދެތިން އަހަރެއްހާ ދުވަހު ސަޕޯޓާރުން މިނޫން ޝަކުރާވެއް ނުކުރެ އެވެ. އެމީހުން ބުނަނީ ގެލަކްސީ ނޯޓް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. ސެމްސަންގަށް ދެން އޮތް ގޮތަކީ ދެއަހަރުން އެއްއަހަރު ގެލަކްސީ ނޯޓް އަނެއް އަހަރު ގެލަކްސީ އެސް ނެރުމެވެ.

ސެމްސަންގުން ގެލަކްސީ ނޯޓް ހުއްޓާލާން ބޭނުންވެގެން އެންމެ ފުރަތަމަ ކުރި ކަމަކީ އެސް މަރުކާގެ ފޯނަކަށް ދަނޑިކޮޅު – ސްޓައިލަސް ހަވާލުކުރުމެވެ. ސެމްސަންގުން ހީކުރީ ނޯޓް ނޫން ފޯނަކަށް ދަނިޑިކޮޅު ދިނުމުން ސަޕޯޓަރުން ރުހޭނެ ކަމަށޭވެ. ކަންތައްވީ އެހެނަކުން ނޫނެވެ.

ސެމްސަންގަށް ވަފާތެރި ސަޕޯޓަރުން މިހާރު ބުނަނީ ނޯޓް މަރުކާގެ ފޯނުތައް މާކެޓުން ފެންނަން ވާނެ ކަމަށާއި ވިޔަފާރި އުސޫލުން ބެލި ނަމަވެސް އެހީ ހިނގާ މަރުކާއެއް ކަމަށެވެ.

ސަޕޯޓަރުން ހުއްޓުމެއް ނެތި ކުރަމުން އައި ޝަކުވާއަށް ސެމްސަންގުން ބުނީ މިއަހަރު – 2021 ގައި ނޯޓެއް ނެރެވެން ނެތީ ފެންވަރު ރަނގަޅު ދެފޯނެއް އެއްފަހަރާ މާކެޓްކުރުން ފަސޭހަ ނުވާތީ ކަމަށެވެ. އަދި ފެންވަރު ދެމެހެއްޓުމަށް ޓަކައި ވެސް ބާރުގަދަ ފޯނެއްގައި ހަރުލާ ތިބެން ޖެހޭ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެމްސަންގަށް ދިމާވެގެން އުޅޭ މައްސަލައަކީ ސްމާޓް ޑިވައިސްތައް އުފައްދަން ބޭނުންވާ ވަރަށް ޗިޕް ނުލިބުމެވެ. ސެމްސަންގަށް މިހާރު އޮތް ގޮތަކީ ނޯޓަށް ދީފައި ހުރި ސިފަތައް އެހެން ފޯނުތަކަށް ވާރުތަކޮށްދިނުމެވެ.