ޖީމެއިލް އަދި އާންމުކޮށް އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ކުރެވޭ ބައެއް އެޕްތައް ކްރޭޝްވާ މައްސަލައެއް ދިމާވެއްޖެ އެވެ. އެކަމަކު ގޫގުލްއިން ބުނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށާއި ކްރޯމް އަދި ވެބްވިއު އަޕްޑޭޓް ކޮށްލުމުން ރަނގަޅު ވެދާނެ ކަމަށެވެ.
އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް މި މައްސަލަ ދިމާވާން ފެށީ މިދިއަ ހަފުތާގައި އެވެ. ހަމަ ހުރެލާފައި ޖީމެއިލް ތާށިވެ ނިވެނީ އެވެ. އެކަމަކު ގޫގުލްއިން މިހާރު މި މައްސަލަ ރަނގަޅު ކޮށްފި އެވެ. އަދި ރަނގަޅު ކުރާނެ ގޮތް އާންމުކޮށް ކިޔައިދީފި އެވެ.
އެންޑްއިޑް ފޯނުތަކުގައި އާންމުކޮށް ދިމާވާ ކޫސަނި މައްސަލަތައް ހައްލު ކުރަން އެންމެ ފަސޭހަ ގޮތަކީ ފޯނު ނިއްވާލާފައި އޮން ކުރުމެވެ. އެކަމަކު މި މައްސަލަ ހައްލު ކުރަން ހަދަންޖެހޭ ގޮތަކީ ގޫގުލް ޕްލޭ ސްޓޯރަށް ގޮސް ކްރޯމް ބްރައްުޒާ އަޕްޑޭޓް ކުރުމެވެ. އަދި އެއާ ވިދިގެން އެންޑްރޮއިޑް ސިސްޓަމް ވެބްވިއު އަޕްޑޭޓް ކޮށްލުމުން ނިމުނީ އެވެ.
އެންޑްރޮއިޑްއަކީ ގޫގުލް ވެބް ސާވިސްއަށް ވަރަށް ބޮޑަށް ބަރޯސާކުރާ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެން ކަމުން އެއިން ސާވިސްއަކަށް ގޫގުލްއިން ކުޑަ ބަދަލެއް ގެނައި ނަމަވެސް ބައެއް އެޕްތައް ކްރޭޝްވުމަށް ފުރުސަތު އޮވެ އެވެ. މިމައްސަލަ މެދުވެރިވެ ޓްވީޓާގައި އަޑު ގަދަ ކުރި ބައެއް މީހުން ބުނެފައިވާ ގޮތުން ސެންސަންގެ ބާރުގަދަ ފޯނުތަކަށް އަދި ގޫގުލްގެ ޕިކްސެލް ފޯން ބޭނުންކުރާ މީހުންނަށް ވެސް މި ތަކުލީފު ޖެހުނެވެ.
މި މައްސަލަ އެންމެ ފުރަތަމަ ދިމާވި މީހުން މައްސަލަ ހައްލު ކުރަން ބައެއް އެޕްތައް ފޯނުން ފޮހެލި ކަމަށް ވެސްވެ އެވެ. ގޫގުލުން ބުނީ ގޫގުލްއިން ކިޔައިދީފައި ހުރި ގޮތަށް ކްރޯމް އަދި ވެބްވިއު އަލުން އިންސްޓޯލްކުރުމުން އިތުރު އެޕެއް ފޮހެލަން ނުޖެހޭނެ ކަމަށެވެ.