ލައިފްސްޓައިލް

ފިރިމީހާގެ ފޯނުގައި ހުރި މެސެޖުތައް ސިއްރުން ބެލި މީހަކު ޖަލަށް

ފިރިމީހާގެ ފޯނަށް ފާރަލައި އޭގައި ހުންނަ މެސެޖުތައް ސިއްރުން ކިޔަން ހެއްޔެވެ؟ މިއީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގާނޫނު ބުނާ ގޮތުން ޖަލަށްލާ ވަރުގެ ބޮޑު ކުށެކެވެ. ދާދިފަހުން އެ ގައުމުގެ އަންހެނަކަށް މިފަދަ މައްސަލައެއް ދިމާވެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.

ރަސް އަލް ޚައިމާގެ ކޯޓަކުން އަންހެނަކަށް ކުރި ހުކުމެއްގައި ބުނެފައިވަނީ އެ އަންހެން މީހާ އޭނާގެ ފިރިމީހާގެ ފޯނުގައި ހުރި މެސެޖުތަކެއް ފިރިމީހާއަށް ސިއްރުން ކިޔާފައިވާކަން ސާބިތުވެފައިވާތީ އޭނާ 8100 އެމިރޭޓްސް ދިރްހަމް (ގާތްގަނޑަކަށް 2205 ޔޫއެސް ޑޮލަރު)އިން ޖޫރިމަނާ ކުރާ ކަމަށެވެ. އެއީ ފިރިމީހާގެ ޕްރައިވަސީ އަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުގައި އަންހެން މީހާއަށް ދައްކަން ޖެހުނު ޖޫރިމަނާ އެކެވެ.

ކޯޓުން މިގޮތަށް އަންހެން މީހާގެ މައްޗަށް ހުކުމް ކުރީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ދޮށީ އަނބިމީހާއާ ދެމެދު ބަދަލުކޮށްފައިވާ ޓެކްސްޓް މެސެޖުތަކެއް ކިޔައި އެ މެސެޖުތައް އޭނާގެ އަންހެން ދަރިއަކަށް ފޮނުވިކަން ސާބިތުވެފައިވާތީ އެވެ.

ހުކުމް އައި އަންހެން މީހާ އަކީ އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާ އެވެ. ފިރިމީހާގެ ފޯނުގައި ހުރި ޓެކްސްޓް މެސެޖުތަކުގެ އިތުރުން އީމެއިލްތަކެއް ވެސް މި އަންހެން މީހާ ބަލައި ޝެއާ ކުރި ކަމަށްވެ އެވެ.

މިކަން އަންހެން މީހާ ކުރުމުގެ ސަބަބުން ފިރިހެން މީހާ އާއި އޭނާގެ ދޮށީ އަނބި މީހާއާ މައްސަލަޖެހި އެ ދެ މީހުން ވަރިވެފައިވާ ކަމަށްވެސް ކޯޓުގެ ހުކުމްގައިވެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އަންހެން މީހާގެ ފިރިމީހާ އެވެ. އޭނާ އެދިފައިވަނީ ލިބުނު ގެއްލުމުގެ ބަދަލަކަށް ދެވަނަ އަނބިމީހާގެ އަތުން 25،000 އެމިރޭޓްސް ދީނާރު (6806 ޔޫއެސް ޑޮލަރު) ހޯދައިދިނުމަށެވެ.

ފިރިހެން މީހާ ކޯޓުގައި ބުނި ގޮތުގައި މެސެޖުތައް ދަރިފުޅާ ޝެއާ ކޮށްގެން ޖެހުނު އާއިލީ މައްސަލަތަކުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލި އަދި މިކަމާ ހެދި ދިމާވި އެކި ކަންކަން ހައްލުކުރަން ކުރި މަސައްކަތުން ވަރަށް ބޮޑެތި މާލީ ގެއްލުންތައް އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ވަކާލާތު ކޮށްދޭން ހޯދި ވަކީލުންނަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހުނު ކަމަށެވެ.

ނަމަވެސް ފިރިހެން މީހާ އެދުނު ވަރުގެ އަދަދެއް އޭނާއަށް ބަދަލުގެ ގޮތުގައި ނަގައިދޭން ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ. ކޯޓުން އަންހެން މީހާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ އަންހެން މީހާ އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. އަދި ފިރިމީހާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 8100 އެމިރޭޓްސް ރިޔާލަ ދިނުމަށެވެ.