ދުވަސްވީ ދެމަފިރިން ވަރަށް ލޯބިން އުޅޭތަން ފެނުމުން ކޮންމެ މީހެއްގެ ހިތަށް ވެސް އާދަޔާޚިލާފު އުފާވެރިކަމެއް ލިބޭނެ އެވެ. ގިނަ ފަހަރަށް މިފަދަ މީހުން އުޅޭނީ ވެސް ކުޑަކުޑަ ދެ ކުދިން އުޅޭ ގޮތަށް ކަމަށް ވާތީ އެވެ. އަދި މިހާ ލޯބިން އުޅޭ ދުވަސްވީ ދެމަފިރިއަކު އެއްގޮތަކަށް އަބަދު ހެދުން އަޅާނަމަ ކިހާ ލޯބިވާނެ ހެއްޔެވެ؟
ޖަޕާނުގެ 'ބޮން' އާއި 'ޕޮން' އަކީ މި ބަޔާން ކުރި ފަދަ ލޯބިލޯބި ދެމަފިރިންނެވެ. ބޮން އާއި ޕޮން އަކީ އެ ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ކިޔާ ނަމެވެ. އެމީހުންގެ އަސްލު ނަމަކީ ޓިސުޔޯޝީ އާއި ޓޮމީ ސެކީ އެވެ. މި ދެމަފިރިންނަކީ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ހިނގާ ދެމަފިރިންނެވެ. އެމީހުންގެ އިންސްޓަގްރާމް އެކައުންޓް 'ބޮންޕޮން511' ފޮލޯކުރާ މީހުންނާއި ލައިކްސް ދޭ މީހުން މިހާރު ވަރަށް ގިނަ އެވެ.
ގާތްގަނޑަކަށް 830،000 އަށް ވުރެ ގިނަ މީހުން މިހާރު އިންސްޓަގްރާމްގައި މި ދެމަފިރިން ފޮލޯކުރެ އެވެ. އަދި މީގެ ދެ ދުވަސް ކުރިން އެމީހުން ޝެއާ ކުރި ފޮޓޯއަކަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެ އެވެ. މި ފޮޓޯގައި ދެމަފިރިން ތިބީ ވަރަށް އެއްގޮތަކަށް ހެދުން އަޅައިގެންނެވެ.
މިދެމަފިރިން ސޯޝަލް މީޑިއާގައި މިހާ ބޮޑަށް މަޝްހޫރުވާން މެދުވެރިވީ އެމީހުންގެ އަންހެން ދަރިފުޅު އެއް ފަހަރަކު އޭނާގެ މައިންބަފައިންގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހަދައި އެމީހުންގެ ފޮޓޯއެއް ޝެއާކުރުމުންނެވެ. އޭނާގެ މައިންބަފައިންނަކީ އެއްގޮތަށް ހެދުން އަޅަން ލޯބިކުރާ ބަޔެއް ކަމަށް ބުނެފަ އެވެ. މި ފޮޓޯ ޝެއާކުރުމާއި އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ފޮޓޮއަށް ލިބުނެވެ. އޭގެ ފަހުން ދެމަފިރިންގެ މަޝްހޫރުކަން ދުވަހުން ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. އެމީހުން ވެސް މީހުންގެ ސަމާލުކަން ލިބޭ ވަރަކަށް އެއް ކުލައިގެ ހެދުމުގައި ފޮޓޯތައް ޕޯސްޓް ކުރަމުން ދިޔަ އެވެ.
ޕޮން އާއި ބޮން އަކީ އެއް ކޮލެޖެއްގައި ކިޔެވި ދުވަސްވަރުން ފެށިގެން ދެ ލޯބިވެރިންނެވެ. އަދި މީގެ 41 އަހަރު ކުރިން އެ ލޯތްބަށް ކައިވެނީގެ ކުލަ ޖެހުނީ އެވެ.
މި ދެމަފިރިންގެ އިންސްޓަގްރާމް އެކައުންޓް ވުޖޫދަށް އައިސްފައިވަނީ 2018 ގައެވެ. އޭރުއްސުރެ މިހާތަނަށް ދުވަހުން ދުވަހަށް ދެމަފިރިންގެ މަޝްހޫރުކަން އައީ އިތުރުވަމުންނެވެ.
އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހަށް ދިން އިންޓަވިއު އެއްގައި ޓޮމީ ބުނީ އެމީހުންނަކީ ސްޓައިލް އައިކަންގެ ގޮތުގައި މީޑީއާ ތަކުން ސިފަ ކުރިޔަސް އެމީހުން އެއްގޮތަށް ހެދުން އަޅަނީ ކޮންމެހެން އެ މަގުސަދުގައެއް ނޫނެވެ. އަދި އެމީހުން އަޅަނީ ކޮންމެ މީހަކަށް ވެސް ގަނެވޭ ވަރުގެ އަގުހެޔޮ އާދައިގެ ހެދުންތަކެއް ކަމަށް ޓޮމީ ބުންޏެވެ.
ދެ މީހުން އެއްކަހަލަ ހެދުން އަޅަން އޭނާގެ އަންހެނުން ކުރިން ވަރަށް ލަދުން އުޅުނު ކަމަށް ޓޮމީ ބުންޏެވެ. ނަމަވެސް އުމުރުން ދުވަސްވެފައިވާތީ މިހާރު އެއްކަހަލަ ހެދުން އެޅުމަކީ އަންހެނުން ލަދުގަންނަ ކަމަކަށް ނުވާ ކަމަށް ވެސް ޓޮމީ ބުންޏެވެ.
ދެމަފިރިން ރިޓަޔާ ވުމުގެ ކުރިން އުޅުނީ ވަރަށް ބިޒީ ދިރިއުޅުމެކެވެ. އޮފީހަށް ހެނދުނު ދާގޮތަށް ޓޮމީ އަށް ގެއަށް އާދެވެނީ ރޭގަނޑުގެ މެންދަމު ވަގުތު އެވެ. އެހެންވެ ދެމަފިރިންނަށް އެއްގޮތަކަށް ވެސް އޭރު އެކަކު އަނެކަކަށް ވަގުތު ނުދެވެ އެވެ. ނަމަވެސް ރިޓަޔާ ވުމަށްފަހު ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދެ މީހުން ހޭދަކުރަމުންދަނީ އެކީގަ އެވެ. އެމީހުން އެ ދުވަހަކު އަޅާ ހެދުމެއް ވެސް ޚިޔާރުކުރަނީ އެ ދުވަހަކު އެމީހުންގެ މޫޑު ހުރި ގޮތަކަށް ބަލާފަ އެވެ.
ޓޮމީ ބުނި ގޮތުގައި އެމީހުންގެ ހެދުންތައް ތައްޔާރުކޮށްދެނީ އެ ރަށުގައި ފެހުމުގެ މަސައްކަތްކުރާ ފެހުންތެރިއެކެވެ. އޭނާ ލައްވާ އެމީހުން ފަހަނީ ވަރަށް އަގުހެޔޮ ފޮތިން ފެހޭ ވަރަށް އާދައިގެ ހެދުމެވެ. އެއީ އެމީހުންގެ ސްޓައިލް ކޮޕީކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ފަސޭހައިން ގަނެވޭ ކަހަލަ ހެދުންތަކެއް ލުމުގެ މަގްސަދުގަ އެވެ.