ޕްރިންސަސް އައިކޯ އަކީ ޖަޕާނުގެ އެމްޕެރާ ނަރުހީޓޯ އާއި އެމްޕްރެސް މަސާކޯގެ ހުރި ހަމައެކަނި ދަރިފުޅެވެ. އައިކޯގެ ޝާހީ ނަމަކީ ޕްރިންސަސް ތޯޝީ އެވެ.
އުމުރުން 20 އަހަރުގެ ޕްރިންސަސް އައިކޯ އަކީ ރަސްގެފާނާއި ރާނީގެ ހުރި ހަމައެކަނި ދަރިފުޅަށް ވިޔަސް އައިކޯއަށް ޖަޕާނުގެ ތަހުތުގައި ރެނދަލި ކުރެވޭނެ ގޮތެއް ނެތެވެ. އަންހެނަކަށް ވީތީ އެވެ.
އައިކޯ ދިރިއުޅެނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅާއެކު ޓޯކިޔޯގައި ހުންނަ އިމްޕީރިއަލް ޕެލަސް ގައެވެ. މިއީ ޖަޕާނު ރަސްގެފާނުގެ ރަސްމީ ގަނޑުވަރެވެ.
އައިކޯގެ ތައުލީމީ ހަޔާތުގެ ބޮޑު ބައި ހޭދަކުރީ ގޭގައެވެ. ސްކޫލަށް ދިއުމުގެ ނަސީބު ލިބުނީ މާފަހުންނެވެ. ސަބަބަކީ ސްކޫލަށް ފޮނުވުމުގެ ބަދަލުގައި ގެއަށް ޓީޗަރުން ގެނެސްގެން ގިނަ ދުވަސް ތަކަކު ކިޔަވައިދީފައިވާތީ އެވެ.
ގޭގައި އެކަނިމާއެކަނި ދިރިއުޅެން ޖެހުމުގެ ސަބަބުން އައިކޯގެ ކުޑައިރުގެ ހަޔާތް ވަރަށް އެކަނިވެރިވެފައި އުނދަގުލެވެ. އަދި ފަހުން ސްކޫލަށް ފޮނުވަން ފެށުމުން ސްކޫލުން ކުދިންގެ ބުލީގެ ޝިކާރައަކަށް އައިކޯ ވިއެވެ. އެހެންވެ އައިކޯ މިހާރު އެކަމަނާގެ އުމުރުގެ އެއްވެސް މީހަކާ ނުގުޅި މުޅިން އެކަނިވެރި ހަޔާތެއް ދަނީ ވޭތުކުރަމުން ނެވެ. ވަނަމަކަށް އެކަމަނާއަށް "ދުނިޔޭގެ އެންމެ އެކަނިވެރި ޕްރިންސަސް" އޭ ކިޔެނީ މިހެންވެ އެވެ.
ކައިވެނިނުކޮށް ހުރި ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ހައިސިއްޔަތުން ވެސް އައިކޯ އަށް ވަރަށް ހަރުކަށި ސަގާފަތްތަކަކަށް ބޯލަނބަން ޖެހިފައި ވެއެވެ. ޝާހީ އާއިލާގެ މެންބަރަކަށް ވާތީ އެކަމަނާ ކައިވެނިކުރަން ޖެހޭނީ ވެސް ހަމަ ޝާހީ އާއިލާގެ ފިރިހެނަކާ އެވެ. ނަމަވެސް އެކަމަނާ އާ ކައިވެނިކުރެވޭ ކަހަލަ ފިރިހެނަކު ޖަޕާނުގެ ޝާހީ އާއިލާއެކު ނެތެވެ. އެހެންވެ ލޯބިވުން އެއްކިބައިގައި އޮއްވާ ކައިވެނި ކުރަން ވެސް އެކަމަނާ އަށް ވެފައިވަނީ އުނދަގޫ ކަމަކަށެވެ.
ޝާހީ އާއިލާގެ ފިރިހެނަކު ނެތުމުން އާދައިގެ މީހަކާ ކައިވެނިކުރާނީތޯ ނުވަތަ ނޫންތޯ ޕްރިންސަސް އައިކޯ ނިންމަވަން ޖެހޭނެ އެވެ. ޝާހީ އާއިލާގެ މީހަކާ ކައިވެނިކޮށްފިނަމަ އެކަމަނާގެ ކިބައިން ޝާހީ ހުރިހާ އިމްތިޔާޒުތަކާއި ބާރުތަކެއް އަދި ލަގަބުތަކެއް ނިގުޅައިގަނެވޭނެ އެވެ. އޭރުން އެކަމަނާ ވާނީ ޖަޕާނުގެ ހަމަ އާދައިގެ ރައްޔިތަކަށެވެ.
ޝާހީ ހުރިހާ އިމްތިޔާޒުތަކެއް ހިއްޕަވައިގެން ކައިވެންޏެއް ނުކޮށް ހުންނަން އެކަމަނާ ނިންމަވައިފިނަމަ އެކަމަނާ ވާން ޖެހޭނީ ބޮޑު ފައްޅީގެ ހާދިމަކަށެވެ. މިއީ ވެސް އެހާ ފަސޭހައިން ހޯދޭނެ މަގާމެއް ނޫނެވެ. މިފަދަ މީހަކަށް ވެވޭނީ އެކި ގޮތްގޮތުން މީހާގެ ހަށިގަނޑާއި ނަފްސު ތޯހިރުކުރަން ކަންތައް ތަކެއް ކޮށްގެންނެވެ. އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ ތަމްރީނުތަކެއް ވެސް ހަދައިގެންނެވެ. މި ހުރިހާ ކަންތައްތަކެއް ކުރުމަށްފަހު އެކަމަނާ އެންމެ ފަހުން އުޅުއްވަން ޖެހޭނީ ޝިންޓޯ ޝްރައިންގަ އެވެ. ދުނިޔޭގެ އެއްވެސް އުފަލެއް އަރާމެއް އެކަމަނާއަކަށް ނޯންނާނެ އެވެ.
ދުނިޔޭގެ އުފާ ބޭނުންފުޅުވާނަމަ އެކަމަނާ އަށް ޖެހޭނީ ޝާހީ ހުރިހާ އިމްތިޔާޒެއް ދޫކޮށްލައްވައި އާދައިގެ މީހަކާ ކައިވެނިކުރާށެވެ. އޭރުން ޖެހޭނީ އެކަމަނާގެ ދެބެންގެ ދެދަރި މާކޯ ކަމޫރޯ އަށް ޖެހުނު ހާލެވެ.
މާކޯ ކިޔަވާ ވިދާޅުވާން ޔުނިވަސިޓީގައި އުޅުއްވިއިރު އާދައިގެ ފިރިހެންކުއްޖަކާ ލޯބީގެ ގޮތުން ގުޅިވަޑައިގަތެވެ. އަދި އެކަމަނާގެ ޝާހީ ހުރިހާ ލަގަބަކާއި އިމްތިޔާޒެއް ދޫކޮށްލައްވައި 2021ގައި ލޯބިވެރިޔާ ކެއި ކަމޫރޯ އާ ކައިވެނި ބައްލަވައިގަނެގެން މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. ވަޒީފާ އަދާކޮށްގެން ފައިސާ ހޯދައިގެން މާކޯ އާއި އެކަމަނާގެ ފިރިކަލުން ލަންޑަންގައި އުޅުއްވަނީ އާދައިގެ މީހުން ދިރިއުޅޭ ގޮތަށެވެ. ޖަޕާނު ޝާހީ އާއިލާގެ އެއްވެސް އެހީތެރިކަމެއް މާކޯއަކަށް ނުލިބެ އެވެ.
ޕްރިންސަސް އައިކޯ ވެސް އާދައިގެ މީހަކާ ކައިވެނި ބައްލަވައިގެންފިނަމަ ޖެހޭނީ ހަމަ މާކޯއަށް ޖެހުނު ހާލެވެ.