ލައިފްސްޓައިލް

ޖަޕާނު ޕްރިންސަސް މާކޯ އަށް ފައިސާއަށް ވުރެ މުހިއްމީ ލޯބި

ޖަޕާނުގެ ޝާހީ އާއިލާގެ ޒުވާން އަންހެން ކަނބަލަކު ލޯބިވެރިޔާއަށްޓަކައި އެކަމަނާގެ ޝާހީ އާއިލާގެ ނަމާއި އެ ނަމުގެ ސަބަބުން ލިބިފައިވާ މުއްސަނދިކަން ގުރުބާން ކުރަން ތައްޔާރު ވެއްޖެ އެވެ.

ޕްރިންސަސް މާކޯ ޝާހީ އާއިލާގެ ސްޓޭޓަސް ދޫކޮށްލައްވާތީ ޖަޕާން ސަރުކާރުން އެ ކަމަނާއަށް ހުށަހެޅި 1.3 މިލިއަން ޑޮލަރު ވެސް ބޭނުންފުޅު ނޫން ކަމަށް އެކަމަނާ އަންގަވާފައި ކަމަށް އިނގިރޭސި ވިލާތުގެ "ޔޫކޭ ޓައިމްސް" އިން ބުނެފައި ވެއެވެ.

ޕްރިންސަސް މާކޯ ރައްޓެހިވެގެން އުޅުއްވަނީ އެކަމަނާއާއެކު އެއް ކޮލެޖެއްގައި ކިޔެވި ވަރަށް އާދައިގެ މީހެއް ކަމަށްވާ ކެއި ކަމޫރޯއާ އެވެ.

ޕްރިންސަސް މާކޯ އަކީ ޖަޕާނުގެ ރަސްގެފާނު ނަރުހީޓޯއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެކަމަނާ ކައިވެނި ކުރައްވަން އުޅުއްވަނީ ލީގަލް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ވަރަށް އާދައިގެ މީހަކާ އެވެ. ޖަޕާނުގެ ޝާހީ އާއިލާގެ އުސޫލުތައް އޮންނަ ގޮތުން އާދައިގެ މީހަކާ ޝާހީ އާއިލާގެ އަންހެން ބޭފުޅަކު ކައިވެނި ބައްލަވައި ގަންނަވާނަމަ ރޯޔަލް ސްޓޭޓަސް ދޫކޮށްލަން ޖެހި ވަޑައިގަންނަވަ އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން އެތައް މިލިއަން ޑޮލަރެއް އެ ބޭފުޅަކަށް ދޭނެ އެވެ.

އުމުރުން 29 އަހަރުގެ ޕްރިންސަސް މާކޯ އާއި 29 އަހަރުގެ ކަމޫރޯ ކައިވެނި ބައްލަވައި ގަންނަވަން ހަމަޖެހިފައިވަނީ 2021 ނިމޭ ހިސާބުގަ އެވެ. އަދި ކައިވެންޏަށް ފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ނިއުޔޯކްގެ ލޯ ފާމް އެއްގައި ދެ ބޭފުޅުން ވަޒީފާ އަދާ ކުރައްވަން ނިންމާފައިވާ ކަމަށް ވެއެވެ.

ޕްރިންސަސް މާކޯ އާއި ކަމޫރޯ ފުރަތަމަ ބައްދަލުވީ ޓޯކިޔޯގެ ޝިބުޔާގެ ރެސްޓޯރެންޓަކުންނެވެ. އޭރު ޓީންއޭޖް އުމުރުގެ މި ދެ ބޭފުޅުން ކިޔަވަމުން ދިޔައީ ޓޯކިޔޯގެ އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވަސިޓީގަ އެވެ. މާކޯއަށް ކަމޫރޯ ޕްރޮޕޯސްކުރީ 2013 ގައެވެ. ފަހުން މާކޯ އިތުރަށް ކިޔަވަން އިންގްލެންޑަށް ވަޑައިގަތް ނަމަވެސް މުޅިން ދެ ގައުމެއްގައި އުޅުއްވަމުން ވެސް ދެ ލޯބިވެރިން އެމީހުންގެ ލޯބީގެ ގުޅުން ވަނީ ދަމަހައްޓާފަ އެވެ.

މާކޯ އާއި ކަމޫރޯ ކައިވެނިކުރަން ބޭނުންފުޅުވާކަން ފުރަތަމަ އިއުލާން ކުރެއްވީ 2017 ގައެވެ. މާކޯ އެ ފަހަރު އެކަމަނާގެ މައިންބަފައިންނަށް ކަމޫރޯ ތައާރަފްކޮށްދެއްވި އެވެ. އަދި މި ގުޅުމާ މާކޯގެ މައިންބަފައިން އެއްބަސްވެ ވަޑައިގަތެވެ. އަދި 2018ގައި ޝާހީ ގަނޑުވަރުން މާކޯ އާއި ކަމޫރޯގެ ކައިވެނި އިއުލާން ކުރެއްވި އެވެ. ނަމަވެސް ކައިވެނި ކުރެވޭނީ 2020ގެ ފަހުން ކަމަށް އެ އިއުލާނުގައި ވެ އެވެ. ސަބަބަކީ ކައިވެންޏަށް ކުރަން ޖެހޭ ތައްޔާރީތަކަށް އެހާ ދުވަސް ބޭނުން ވާތީ އެވެ.

މާކޯއަކީ ޖަޕާނުގެ މިހާރުގެ ވަލީ އަހުދު އަކިޝީނޯގެ ދަރިކަނބަލެކެވެ. އަދި ޖަޕާނުގެ ރަސްކަމުގެ ތަޚުތަށް ދެން އިސް ކުރެވޭނީ އަކިޝީނޯ ކަން ވެސް މިހާރުވަނީ އިއުލާން ކޮށްފަ އެވެ.