ބޮލީވުޑް

ރީތި އަންހެނުންނަށް މޮޅު ވިޔަފާރިވެރިންނަށް ވެސް ވެވިދާނެ: ނަވްޔާ

އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާގެ ފިލްމު ކުޅުމުގެ ޝައުގެއް ނެތަސް ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް އޭނާއަށް ލިބެމުން ދެއެވެ. އޭނާގެ ދެ ފަރާތުގެ އާއިލާ އަކީ ވެސް ފިލްމީ އާއިލާތަކަށް ވާތީ އެވެ. ނަވްޔާގެ ބައްޕައަކީ މަޝްހޫރު ކަޕޫރު އާއިލާގެ މީހެކެވެ. ނަވްޔާގެ މާމަ ރީތޫ ނަންދާ އަކީ ރާޖް ކަޕޫރުގެ ފަސް ދަރިންގެ ތެރެއިން އެކަކެވެ. ދެން ތިބެނީ ރިޝީ ކަޕޫރު، ރަންދީރު ކަޕޫރު އަދި ރާޖީވް ކަޕޫރާއި ރީމާ ޖެއިން އެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވުމުގެ އިތުރުން ނަވްޔާ އަކީ ވަރަށް ރީތި ސިފަތަކެއް ސިފައިވާ ޒުވާނެކެވެ. ވީމާ އޭނާ ފިލްމު ކުޅެން ފަށާނީ ކޮން އިރަކުންތޯ ސޯޝަލް މީޑިއާގައި އަބަދުވެސް ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

ދާދި މިދާކަށް ދުވަހު ވެސް ނަވްޔާގެ ފޭނަކު އޭނާއަށް މި ސުވާލު ހުށަހެޅި އެވެ. އިންސްޓަގްރާމްގައި ނަވްޔާ ޝެއާ ކުރި ވަރަށް ރީތި ފޮޓޮއަކަށް މީހަކު ކުރި ކޮމެންޓެއްގައި އޭނާގެ ރީތިކަމަށް ތައުރީފުކޮށް އެހާ ރީތި ކުއްޖަކު ފިލްމުނުކުޅެނީ ކީއްވެތޯ ސުވާލު ކުރި އެވެ. ޖަވާބުގައި ނަވްޔާ ބުނީ ރީތި މީހުންނަށް ކާމިޔާބު ވިޔަފާރިވެރިންނަށް ވެސް ވެވޭނެ ކަމަށާއި އޭނާގެ ޝައުގުހުރީ ވިޔަފާރީގެ ދާއިރާއަށް ކަމަށެވެ.

ނަވްޔާގެ ބައްޕަ ނިކިލް ނަންދާ އަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. އެހެންކަމުން ނަވްޔާ ބޭނުންވަނީ ބައްޕަ ފަދަ ކާމިޔާބު ވިޔަފާރިވެރިއަކަށް ވާށެވެ. އޭނާގެ ބައްޕަ ފަރާތު ކާފަ އެޗްޕީ ނަންދާގެ ފަރާތުން ވާރުތަވެފައިވާ ވިޔަފާރީ ކުރިއަރުވައި ކާފަގެ ހަނދާން ދިރުވުމަށެވެ.

ފޯދާމް ޔުނިވަސިޓީން ކިޔަވައި ނަވްޔާ ޑިގްރީ ހާސިލުކުރީ ވެސް ވިޔާފާރީގެ ދާއިރާއިންނެވެ. އަދި މިހާރު އޭނާއަކީ ހެލްތުކެއާ ޕޯޓަލް އާރާ ހެލްތުގެ ކޯ-ފައުންޑާ އެވެ. މިއީ އިންޑިޔާގެ އަންހެނުންގެ ސިއްހަތު ރަނގަޅުކުރާނެ ގޮތުގެ ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރާ ޕޯޓަލް އެކެވެ. މި ނޫނަސް ވިޔަފާރީގެ ގިނަ ކަންތައްތަކެއް ނަވްޔާ އަމިއްލައަށް ކުރެ އެވެ.