"އާޖް ކަލް ތެރެ މެރެ ޕިޔާރް ކެ ޗަރްޗޭ" މި ލަވަ އަށް އޮރެންޖް ކުލައިގެ ރީތި ކުރު ހެދުމެއްގައި ނެށި ރީތި ބަތަލާ މުމްތާޒު މަތިން މިޒަމާނުގައި ވެސް ގިނަ ބަޔަކު ހަނދާން އެބަހުއްޓެވެ. މިއަދު 74 ވަނަ އުފަން ދުވަސް ފާހަގަކުރާ މުމްތާޒުގެ ޖާދޫ އެހާ ވެސް ބާރު ގަދަ އެވެ. އޭނާ އާއެކު ފިލްމު ކުޅުނު އެތައް އެކްޓަރުންނެއް އޭނާ އަށްޓަކައި ފިދާވި އެވެ.
ޝަމްމީ ކަޕޫރުގެ ކައިވެނީގެ ދައުވަތަށް އެއްވެސް ޖެހިލުމެއް ނެތި މުމްތާޒު ބުނީ ނޫނެކޭ އެވެ. ޖީތެންދުރަ، ރާޖޭޝް ކަންނާ ފަދަ ގިނަ އެކްޓަރުންތަކެއް މާބުރުތަކެއް ހެން އޭނާ ފަހަތުން މުގޯލި އެޅި އެވެ. ނަމަވެސް މުމްތާޒުގެ ހިތް ދިނީ މާޔޫރް މަދުވާނީ ކިޔާ ވިޔަފާރިވެރި އަކަށެވެ.
އަދި ކެރިއަރުގެ އެންމެ އުހުގައި ވިދާ ބަބުޅަމުން ދަނިކޮށް އުމުރުން އެންމެ 26 އަހަރުގައި މާޔޫރް އާ ކައިވެނިކޮށް ފިލްމު ކުޅުން ވެސް ހުއްޓާލީ އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާގެ އެ ނިންމުމާ މެދު މުމްތާޒު އެންމެ ހިނދުކޮޅަކަށް ވެސް ހިތާމައެއް ނުކުރެ އެވެ.
ދާދިފަހުން މުމްތާޒު ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ހަޔާތުގެ ސަފުހާތައް ހުޅުވާލާފައިވެ އެވެ. ފިލްމު ކުޅުނުއިރު އެކިއެކި އެކްޓަރުންގެ ފަރާތުން ލިބުނު ކައިވެނީގެ އަދި ލޯބީގެ ދައުވަތު ތަކާއި ކައިވެންޏަށްފަހު ކުރިމަތިވީ ބައެއް ކަހަލަ މައްސަލަތައް އަދި ކެންސަރު ބައްޔާ ކުރި ވޭންހުރި ހަނގުރާމައިގެ ވާހަކަ ވެސް މުމްތާޒު ކިޔައިދީފައިވެ އެވެ.
މިހާރުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ޝާހްރުކް ޚާންގެ ފޭވަރިޓް ބަތަލާ އަކީ އަދިވެސް މުމްތާޒެވެ. މުމްތާޒުގެ މަގާމު ޝާހްރުކްގެ ހިތުން އެހެން އެއްވެސް ބަތަލާއަކަށް ނުހޯދުނެވެ. މިއީ މުމްތާޒުގެ މަގްބޫލުކަން ހުރި މިންވަރެވެ. އޭނާގެ ރީތިކަމާއި ފަރި އަދާތަކުގައި ނުޖެހޭ އެކަކުވެސް ބޮލީވުޑްގައި ނެތެވެ.
މުމްތާޒު ފިލްމު ކުޅެން ފެށީ ކުޑަ ކުއްޖެއްގެ ގޮތުގައި 1950ގެ އަހަރުތަކުގަ އެވެ. އޭނާ ބުނި ގޮތުގައި އެހާ ކުޑައިރު ކިޔެވުން ދޫކޮށްލާ ފިލްމު ކުޅެން ފަށަން ޖެހުނީ ބަނޑުހައިހޫނުކަން އާއިލާގައި އޮތްލެއް ބޮޑުކަމުން ކަމަށެވެ.
މުމްތާޒުގެ އާއިލާއަކީ އީރާނު ބައެކެވެ. ނަމަވެސް އިންޑިޔާގައި ވަޒަންވެރިވެ އިންޑިޔާގެ ރައްޔިތުންނަށް އެމީހުން ވަނީ ބަދަލުވެފަ އެވެ.
މުމްތާޒަށް ޝަމްމީ ކަޕޫރު ހަގީގަތުގައި ވެސް ޕްރޮޕޯޒްކުރި ހެއްޔެވެ؟ މުމްތާޒު ބުނަނީ އެއީ ތެދު ވާހަކައެއް ކަމަށެވެ.
"އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރު. ޝަމްމީޖީ އަކީ ނަން މަޝްހޫރު ގަދަރުވެރި އާއިލާއެއްގެ މެމްބަރެއް. އޭރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި އެންމެ ވިދާ އަލިގަދަ ތަރި. އޭނަ ބުނި ފިލްމު ކުޅުން ހުއްޓާލާށޭ އޭރުން އޭނާ ކައިވެނި ކުރާނަމޭ އަހަންނާ. އަހަރެން ފިލްމީ ކެރިއަރު ދޫކޮށްލަން ބޭނުން ނުވީ. އެންމެ ކުރިން މީހުން މި ވާހަކަ ގަބޫލެއް ވެސް ނުކުރި. ޝަމްމީ ކަހަލަ އެކްޓަރަކު އަހަރެންނަށް ޕްރޮޕޯސް ކޮށްފާނެ ކަމަށް ގަބޫލުކުރަން ދަތިވީ. އަދި އަހަރެންގެ ކަހަލަ ބަތަލާއަކު އެ ފަދަ ފުރުސަތެއް ލިބުނުނަމަ ނޫނެކޭ ނުބުނާނޭ ވެސް މީހުން ކީ،" މުމްތާޒު ބުންޏެވެ.
ފިލްމު ކުޅުން ހުއްޓާލިފަހުން ޝަމްމީ އާއި މުމްތާޒު ބައްދަލުވީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުމްތާޒު ބުނީ ޝަމްމީގެ 74 ވަނަ އުފަން ދުވަހުގެ ޕާޓީއަށް އޭނާއަށް ދައުވަތު ދީގެން ގެންދިޔަ ކަމަށެވެ.
"އޭރު ޝަމްމީ އިނި ފުރޮޅުލީ ގޮނޑީގައި. އޭރުވެސް އިނީ ރާ ތައްޓެއް ހިފައިގެން. އަހަރެން ބުނިން ކީއްކުރަން ސިއްހަތު ތިހާ ގޯސް އިރުވެސް ތި އެއްޗެތި ތި ބޮނީ. އެހެން ބުނީމަ ޝަމްމީ ހީނލާފައި ބުނި ކިހާ ދުވަހަކުހޭ އިތުރަށް ދެން ތިމަންނަ ދިރިއުޅެންވީ. ދެން ދިރިއުޅެވިއްޖެ ނޫންހޭ،" މުމްތާޒު ބުންޏެވެ.
ޝަމްމީ ނޫނަސް ގިނަ އެކްޓަރުންތަކެއްގެ ހިތް މުމްތާޒު ކަތިލި އެވެ. އަދި ބައެއް އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތައް ވެސް އެ ޒަމާނުގައި ފެތުރުނެވެ. އޭގެ ތެރޭގައި ރާޖޭޝް ކަންނާ ހިމެނެ އެވެ.
"މުމްތާޒު ފިލްމު ކުޅުން ހުއްޓާލުމުން އަހަރެންގެ ކަނާއަތް ގެއްލުނު ކަހަލަ އޭ" ރާޖޭޝް ކަންނާގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނެފައި ވެއެވެ. އެހާވެސް މުމްތާޒު އާއި ރާޖޭޝް ކަންނާގެ ޖޯޑު އެޒަމާނުގައި ކާމިޔާބުވެފައި މަޝްހޫރެވެ. އެމީހުން ކުޅުނު ކޮންމެ ފިލްމެއް ބްލޮކްބަސްޓާ ވަމުން ދިޔަ އެވެ.
މުމްތާޒު ބުނި ގޮތުގައި ޅަ އުމުރުގައި ކައިވެނި ކުރުމަކީ އޭނާގެ މަންމަ އަބަދުވެސް އޭނާގެ ކިބައިން އެދެމުން ދިޔަ ކަމެކެވެ. މުމްތާޒުގެ އުމުރުން 10 އަހަރުން ފެށިގެން މާޔޫރްގެ އާއިލާ އާއި މުމްތާޒުގެ އާއިލާގެ މެދުގައި އެކުވެރިކަން އޮތެވެ. އަދި މުމްތާޒުގެ އުމުރުން 24 އަހަރުގައި ދެ ފަރާތުގެ އާއިލާއިން ވާހަކަ ދައްކައިގެން އެމީހުންގެ ކައިވެނި ހަމަޖެއްސި އެވެ.
މުމްތާޒު ސޮއިކޮށްފައިވާ ފިލްމުތައް ނިންމައި މުޅިން ފިލްމީ ދުނިޔެއާ ދުރަށް ދާން އޭނާއަށް ލިބުނީ ދެ އަހަރު ދުވަހުގެ މުއްދަތެވެ. އެހުރިހާ ކަމެއް ނިންމުމުން 26 އަހަރުގައި ކައިވެނި ކުރުވީ އެވެ.