ދުނިޔެ

އީރާންގެ ބަނދަރެއް އިންޑިއާއަށް 10 އަހަރަށް ދީފި

އީރާންގެ ޗާބަހާރު ބަނދަރު ތަރައްގީކޮށް ހިންގަން އިންޑިއާއަށް 10 އަހަރަށް ކުއްޔަށް ދީފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރިކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ޗާބަހާރުގައި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތުގައި އިންޑިއާ ހަރަކާތްތެރިވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އިންޑިއާގެ ކުންފުނިތަކުން 2018 އިން ފެށިގެން މި ބަނދަރުގެ ބޭނުން އަންނަނީ ހިފަމުންނެވެ.

އީރާންގެ ބަނދަރެއް ތަރައްގީކޮށް ޖާގަ އިތުރުކުރުމުގައި އިންޑިއާއަށް އޮތް ފައިދާ އަކީ އަވަށްޓެރި ޕާކިސްތާނަށް ކަމުނުކިޔައި، އީރާނަށާއި އަފްގާނިސްތާނަށް އަދި އޭޝިއާގެ ބައެއް ގައުމުތަކަށް އިންޑިއާއިން ވިޔަފާރި ޝިޕްމަންޓްތައް ފޮނުވުމެވެ.

އިންޑިއާ އާއި އީރާންއާ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން މި ބަނދަރު ތަރައްގީކުރަމުން އަންނައިރު، އެމެރިކާއިން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަފަޅުތަކުގެ ސަބަބުން މަސައްކަތްތައް ވަނީ ތާރީޚަށް ވުރެ ލަސްވެފަ އެވެ.

އިންޑިއާގެ ޝިޕިން ވަޒީރު ޝާރުބަންދަރު ސޮނޮވަލް ވިދާޅުވި ގޮތުގައި ޗާބަހާރު ބަނދަރު ތަރައްގީކޮށް ނިމުމުން، އީރާންއާ އިންޑިއާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުވެގެންދާނެ އެވެ. އަދި އީރާން މެދުވެރިކޮށް އެހެން ގައުމުތަކަށް އިންޑިއާގެ އުފެއްދުންތައް މާކެޓްކުރެވޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޖުމުލަ 370 މިލިއަން ޑޮލަރު ބަނދަރާ ގުޅުން ހުރި މަސައްކަތްތަކަށް ހޭދަކުރާނެ އެވެ. މި ކޮންޓްރެކްޓްގެ ޖުމުލަ އަގަކީވެސް މިއީ ކަމަށް އީރާންގެ މަގުތަކާ ބެހޭ ވަޒީރު މަހެރުދާދު ބަޒްޕާޝް ވިދާޅުވި އެވެ.

އީރާންގެ ޗާބަހާރު ބަނދަރު މެދުވެރިކޮށް އަފްޣާނިސްތާނަށް މިހާރު ވެސް ކާބޯތަކެތި ފޯރުކޮށްދެ އެވެ. މީގެތެރޭގައި ގޮވާމުގެ ތަފާތު ބާވަތްތައް ހިމެނެ އެވެ.

ޗާބަހާރު ބަނދަރު ޖާގަ ބޮޑުކޮށް ތަރައްގީކޮށް ނިމުމުން އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެން ދާނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ނޫސްވެރިންނަށް ވިދާޅުވި އެވެ.