ދުނިޔެ

އީރާންގެ ފޮރިން މިނިސްޓަރު އިންޑިއާއަށް

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން އިންޑިއާއަށް ވަޑައިގަންނަވަނީ އެވެ. ޚަބަރުތައް ބުނާ ގޮތުން އަންނަ ހަފުތާގައި އަމީރު އަބްދުއްލާހިޔާން ދަތުރު ފައްޓަވާނެ އެވެ.

މިއީ އީރާންގެ ފޮރިން މިނިސްޓަރުކަމާ ހުސައިން އަމީރު އަބްދުލާހިޔާން ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަ ދަތުރެވެ.

ވަޒީރުގެ މިދަތުތު ކުރިން ކުރާ ގޮތަށް އޮތީ މިއަހަރުގެ ކުރީކޮޅެވެ. އެހެން ނަމަވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރާމިޔަމް ޖައިޝަންކަރަށް ކޮވިޑް ޖެހިގެން ދަތުރު ފަސްކުރީ އެވެ.

ހުސައިން އަމީރު އަބްދުލާހިޔާން އިންޑިއާއަށް ވަޑައިގެން ގައުމީ ފެންވަރުގެ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މައިގަނޑު މައުލޫއަކަށް ވާނެ ކަމަށް ބުނެވެނީ ޗަބާހަރު ބަނދަރު މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތައް ފުޅާކުރުމެވެ.

އީރާންގެ ޗަބާހަރު ބަނަދަރު ތަރައްގީ ކުރަން އިންޑިއާއިން 2018 ގައި ފެށި ޕްރޮޖެކްޓްގައި، ފުރަތަމަ ފިޔަވަހި ނިންމައި ޚިދުމަތް އޮތީ ފަށައިގެންފަ އެވެ.

ޗަބާހަރު ބަނދަރުން ޑިސެމްބަރު 2018 ގައި ޚިދުމަތް ދޭން ފެށި ފަހުން 20 ފޫޓު 8،200 ކޮންޓެއިނާ އާއި 1.28 މިލިއަން ޓަނުގެ އެހެނިހެން ބާވަތްތަކުގެ މުދާ ބަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަމީރު އަބްދުލާހިޔާންގެ ދަތުރުގައި އަފްޣާނިސްތާންއާ ބެހޭ ގޮތުން ވެސް އިންޑިއާ އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވާނެ އެވެ.

އަފްޣާން އޮންނަނީ އިންޑިއާ އަަދި އީރާންއާ ބޯޑަރު ހިއްސާކުރާ ގޮތަށެވެ. އެހެންކަމުން އަފްޣާންގައި ހިންގާ ހަމަނުޖެހުންތަކުގެ އަސަރު އިންޑިއާ އަށާއި އީރާނަށް ކުޑަ ކުރުމުގެ ގޮތުން ދެގައުމު ގުޅިގެން ސެކުޔުރިޓީ އޮޕަރޭޝަންތައް ހިންގާނެ ގޮތަކާ މެދުވެސް މަޝްވަރާ ކުރައްވާނެ އެވެ.

އެމެރިކާ އިސްވެ އޮވޮ އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް އީރާން އާއި އިންޑިއާ މަޝްވަރާ ކުރާނެ އެވެ. އަދި އީރާނުން ތެޔޮ ގަނެވެން ހުރި ގޮތްތަކަށް ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ޑރ. ޖައިޝަންކަރު މިދާކަށް ދުވަހު ވަނީ އީރާނަށް ކަމޭހިއްތަވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ ތެޔޮ ނުގަތުމަށް ހުޅަނގުން އިންޑިއާއަށް ޕްރެޝަރު ކުރާއިރު އީރާނުން ތެޔޮ ގަތުން ހުއްދަ ނުކުރަނީ ކީއްވެތޯ އެވެ.

އޭނާ އަދި ވިދާޅުވީ ހުރިހާ ކޮޅުތަކެއް ބަންދުކޮށް އޮބައިގަތުމުން ކަމަކު ނުދާނެ ކަމަށާއި ސައްހަ މުއާމަލާތްތަކެއް ކުރެން ސައްހަ ގޮތްތަކެއް ވެސް އޮންނަން ވާނެ ކަމަށެވެ.