އާންމު ހާލަތަށް ދިރިއުޅުން ގެންދިއުމަށްޓަކައި ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ކޮވިޝީލްޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލުމަށްފަހު މިއަދު އަލުން ކޮވިޝީލްޑާއި މުޅިން އަލަށް އެސްޓްރާޒެނެކާ ވެކްސިން ޖަހަން ފެށުމާ ދިމާކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިރިއުޅުން އާންމު ހާލަތަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ ވެކްސިން ފުރިހަމަކުރުން ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކު ވެކްސިން ނުޖަހާ ހުރިނަމަ ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފަ އެވެ.
މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ އާބާދީގެ 90 ޕަސަންޓް މީހުންނަށް ކުރިއަށް އޮތް އޮގަސްޓް ނިމުމުގެ ކުރިން ވެކްސިން ޖެހުން ކަމަށް ވިދާޅުވެފަ އެވެ.
ވެކްސިން ނުޖަހާ ތިބި އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ ކަމުގެ ޔަގީންކަންވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.