ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވެކްސް އިން 12،000 ވެކްސިން ޑޯޒް ދީފި

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 12،000 ކޮވިޑް ވެެކްސިން ޑޯޒް ހަދިޔާ ކޮށްފި އެވެ.

ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ. ހެލްތް މިނިސްޓްރީން ބުނީ ކޮވެކްސް އިން 12،000 ކޮވިޑް ވެކްސިން މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަަށެވެ. ކޮވެކްސްއިން ހަދިޔާ ކޮށްފައިވަނީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ.

ރައީސް ސޯލިހުވެސް ވަނީ ކޮވެކްސް ފެސިލިޓީ ތެރެއިން 12،000 ޑޯޒް ލިބިފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖުވެސް މިދިޔަ މަހު ހަދިޔާކޮށްފައިވެއެވެ.

މިިިދިޔަ މަހުގެ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ވެކްސިން ޕްރަގްރާމު ފަށާފައިވާއިރު މިހާތަނަށް 145،000 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް ވަނީ ދީފައެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.


ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ. އަދި ހެޔޮއެދޭ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 5،000 ޑޯޒް ހަދިޔާކޮށްފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނުދެއެވެ.