ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއިން ފައިޒާ ވެކްސިން ގެންނާނެ: ނަސީމް

ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކުގައި އެހެން ވެކްސިންތައް ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ވެސް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅު ވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިއަދު ވިދާޅުވީ ސައްހަ ކަމާއި ޔަގީންކަން ބޮޑު، އަދި ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފައިޒާ-ބަޔޯއިންޓެކް ވެކްސިން ވެސް ރާއްޖެ ގެންނާނެ ކަމަށެވެ.

އިތުރު އެހެން ވައްތަރުގެ ވެކްސިން ރާއްޖެއަށް ގެންނަން ނިންމާފައިވި ނަމަވެސް އޭގެ ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ރާއްޖޭގައި މިއަދު ވަނީ ކޮވިޑް ވެކްސިން ދޭން ފަށާފަ އެވެ. މިއަދު ފެށީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާފައިވާ އޮސްފޮޑް-އެސްޓެރެޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދީ ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

މިއަދު ވެކްސިން ޕްރޮގްރާމް ފެށި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް ވަޒީރުން ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ. ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހި މީހަކަށްވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއް ރަހީމެވެ.